English Edition
Dhivehi Edition
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު - ފޮޓޯ: ވަން އޮންލައިން

ކޮވިޑް-19 އަށް ޓެސްޓްކުރެވޭ މެޝިނެއް، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފި އެވެ. އެ މެޝިން މިއަދު ރާއްޖެ ގެނައީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ އިންނެވެ.

އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާފަރު އެއާޕޯޓުގައި ބޭނުންކުރުމަށް ގެނެސްފައި ވަނީ ޕީސީއާރު ލައިޓް ސައިކްލަރ 96 މަރުކާގެ މެޝިނެއް ކަމަށެވެ.

މާފަރު އެއާޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭ ލެބޯޓްރީއެއް ޤާއިމްކުރަނީ އެ ސަރަޙައްދުގައި ރިސޯޓެއް ހިންގާ ސޮނެވާ ގްރޫޕުންނެވެ. އަދި އެ ލެބޯޓްރީ އަށް ބޭނުންވާ ސާމާނު އެތެރެކުރަނީ އޭޑީކޭ ޓްރޭޑިންގ މެދުވެރިކޮށެވެ. އެ ލެބޯޓްރީގެ މަސައްކަތް މި މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް ލަފާކުރެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށްފައިވާއިރު، އަންނަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މާފަރު އެއާޕޯޓުވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާއިރު، އެކަމަށްޓަކައި އެއާޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ޓެސްޓްކުރެވެނީ މާލެ އާއި އައްޑޫ ސިޓީގައެވެ. މާފަރު އެއާޕޯޓެ ލެބޯޓްރީ ޤާއިމްވުމާއެކު، މާފަރު ވެގެންދާނީ ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭ ތިންވަނަ ސަރަޙައްދަށެވެ.