ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަންވޭ ސަރަހައްދުން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިން ހަރަކާތްތެރިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެފަދަ ރިޕޯޓެއް ލިބުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ނަމަވެސް އެއީ ކޮން އެއްޗެއް ކަމެއް އަދި ދެނެގަނެފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްއެމްޑީއެފް އިން ވިދާޅުވީ ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އެއީ ބުޅަލަަކަށް ވުރެ ސައިޒުގެ ގޮތުން ބޮޑު އެއްޗެއްކަން ފާހަގަވާ ކަމަށެވެ.
މާފަރު ކައުންސިލުން ނެރެފައިވާ “ސަމާލެއް” ގައި ވިދާޅުވެފައިވަނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ސަރަހައްދުން މިނިވާވަގެއް ކަމަށް ބެލެވޭ އެއްޗެއްގެ ވީޑިއޯއެއްގައި ފެންނާތީ އެސަރަހައްދު ބަލަމުންދާ ކަމަށާއި އޭތީގެ އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާ ކަމަށެވެ.
އޭތި ރަށުތެރެއަށް އެރިކަމެއް އަދި ނޫން ކަމެއް ވެސް ކަށަވަރު ނުކުރެވޭ ކަމަށް މާފަރު އެއަރޕޯޓުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ގެ ބޭފުޅުން މައުލޫމާތު ދެއްވާފައިވާ ކަމަށް ވެސް މާފަރު ކައުންސިލުގެ ސަމާލުގައި ވެއެވެ. އަދި އެ މައުލޫމާތު ކައުންސިލަށް ލިބުނީ މިއަދުގެ އިރުއޮއްސުނު ވަގުތު ކަމަށް ވެސް ސަމާލުގައި ވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަ ގޮތުގައި ރަންވޭގެ އަނެއް ފަރާތުން ނުވަތަ ވަރަށް ދުރު ސަރަހައްދަކުން ހަތަރުމޮށްގަނޑު ޖަހާފައިދާ އެއްޗެއް ފެނެއެވެ. ނަމަވެސް އެއީ ސީދާ ކޮން އެއްޗެއް ކަމެއް ސާފުވާވަރަށްވުރެ ދުރެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ މިނިކާވަގެއް ނުވަތަ ސިންގާ އެކެވެ. އަދި އެއީ ކުއްތާ ނުވަތަ އެޒާތުގެ އެއްޗެއް ކަމަށް ބުނާ މީހުން ވެސް އުޅެއެވެ.