English Edition
Dhivehi Edition
އެފްއޭއެމްގެ ރައީސް، ބައްސާމް ޢަދީލް ޖަލީލް - ފޮޓޯ: ޔޫޓިއުބް (އަވަސް ވީޑިއޯސް)

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ ދެ ޕެންޓްހައުސްގެ މިލްކުވެރިކަމަށް ބަދަލެއް އަތުވެދާނެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހައިކޯޓުން މި އަމުރު ނެރުނީ، ބައްސާމްގެ މައްޗަށް ހަތަރު ކުށެއް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ މައްސަލައިގައި، އޭނާއަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ދައުވާ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ސާބިތުނުވުމުން ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު މި އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި: މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެ ޕެންޓްހައުސްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ، ދައުލަތުން އެދިފައިވާ ފަރުވާ ހޯދުމުގެ ފުރުސަތު ބަންދުވެދާނެއެވެ. އަމީން ކޮންސްޓްރަކްޝަންގެ ބަހެއް ނެތި މި އަމުރު ނެރުނު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުއްލާ، ފާތިމަތު ފަރުހީޒާ އަދި އަބްދުއްރައޫފު އިބްރާހީމް އެވެ.

“ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ފެންނާތީ މި މައްސަލަ ވަނީ އިސްތިއުނާފު ކޮށްފައި،” – ދައުލަތް

މި މައްސަލަ ދަށު ކޯޓުން ނިންމެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެފައިވަނީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމީން ކޮންސްޓްރަކްޝަނަށް ޖަމާކޮށްފައިވާ ކަމާއި، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ ހަސަން ވަހީދާ ހަވާލުކުރިކަން ސާބިތުވާ ކަމަށެވެ. ނަމަވެސް، އެ ފައިސާ ބައްސާމް އެޕާޓްމެންޓް ގަންނަން ބޭނުންކުރި ކަމަށް ބާރުދޭ ކިތާބީ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. ދައުލަތުން މިކަމަށް ދެއްކި ހަމައެކަނި ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް އަދަދާއި ހަވާލުކުރި ފައިސާގެ އަދަދު ދާދި އެއްވަރުވުމެވެ.

މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވި ނަމަވެސް، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ.