English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބުލޫބެލް / ދ. ހުޅުދެލި، ހަސަން ވަހީދު (28އ) އާއި ޗަމްޕާޕޫލްގެ / ތ. ވިލުފުށި، މުސާ ފާތިކު (31އ) އާއި ހިރި / ތ. ތިމަރަފުށި، އާސް އިބްރާހީމް (34އ) އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ޖޫން 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ވިލުފުށީ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 41.62 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން ވަހީދު (28އ) އާއި މުސާ ފާތިކު (31އ) 10 ދުވަހަށް ބަންދުކުރުމަށް އަދި އާސް އިބްރާހީމް (34އ) 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.