ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވި މީހުންގެ އަދަދު މަދުވުމުގެ ސަބަބުން، ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި އަދި ސިނާއީ މަސައްކަތްކުރާ ގިނަ ރަށްރަށުގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން ހާމަކުރި ގޮތުގައި، ރިސޯޓުތަކުގެ ތެރެއިން ވޯޓުފޮށި ބެހެއްޓުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވެފައިވަނީ އެންމެ 21 ރިސޯޓުގައެވެ.
ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކުން މަދުވެގެން 2,000 މީހުން ރަޖިސްޓްރީވެގެން ކަމަށްވީ ނަމަވެސް، އެއްވެސް ގައުމަކުން އެ އަދަދު ހަމަވެފައެއް ނުވެއެވެ. އެންމެ ގިނަ ބަޔަކު ރަޖިސްޓްރީވި މެލޭޝިޔާގައި ވެސް ފޯމު ހުށަހަޅާފައިވަނީ 499 މީހުންނެވެ. އަދި ސިނާއީ ރަށްރަށާއި ރިސޯޓުތަކުގައި ފޮށި ބަހައްޓަން މަދުވެގެން 30 މީހުން ބޭނުންވާއިރު، ގިނަ ރިސޯޓުތަކުން އެ އަދަދު ހަމަވެފައެއް ނުވެއެވެ.
ވޯޓުފޮށި ނުބަހައްޓަން ނިންމި ތަންތަނަށް ރަޖިސްޓްރީވި މީހުންނަށް، އެހެން ފޮއްޓަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ މީހުން ވޯޓުލާން ރަޖިސްޓްރީވެފައި އޮންނާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށެއްގައެވެ. މި ފަހަރުގެ އިންތިހާބަށް ރީ-ރަޖިސްޓްރީވުމަށް ޖުމްލަ 26,454 ފޯމު ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުގެ އޮފީހުން ބުންޏެވެ.