އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ދާދި ފަހުން މެންޗެސްޓަރ ޔުނައިޓެޑް އާއި ގުޅުނު ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް ކާމިޔާބުކޮށްދިން ގޯލުން ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން ބަލިވި ޔުނައިޓެޑް ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެފައިވަނީ ހަޑަލްސްފީލްޑްއާ ބައްދަލުކޮށް މެޗުން 0-2 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭ ހަޑަލްސްފީޑްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ ޓީމްއަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު ރޭގެ މެޗުގައި ޔުނައިޓެޑް އާއި ދާދި ފަހުން ގުޅުނު ސަންޗޭޒް ވަނީ މޮޅު ކުޅުމުއް ދައްކާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑްއަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑްގެ އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގާދީފައެވެ.އަދި މި މެޗުން ތިން ޕޮއިންޓު ޔުނައިޓެޑަށް ކަށަވަރުކޮށްދިން ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ. މިއީ އާސެނަލް ދޫކޮށްލުމަށްފަހު ޔުނައިޓެޑާ ގުޅުނު ސަންޗޭޒް އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެއެވެ.
ރޭގެ މިނަތީޖާތަކާ އެކު ޔުނައިޓެޑް އޮތީ 56 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި އޮތް އިރު އަދިވެސް އެއްވަނާގައި އޮތީ 69 ޕޮއިންޓާއި އެކު މެންޗެސްޓަރ ސިޓީއެވެ.