ސުދީޕް ޝަރުމާ އަދި އަބީޝެކް ބެނަޖީއާ ލިޔެ، އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށްފައިވާ “ބަންދަރް” އިން ބެލުންތެރިޔާ ބޮޑު ހައިޖާނެއްގެ ތެރެއަށް ދޫކޮށްލައެވެ. ހުރިހާ ފިރިހެނުންނެއް އެއްގޮތެއް ނުވާނެއެވެ. ނުވަތަ ހުރިހާ ފިރިހެނުންނަކީވެސް އެއްގޮތް ބައެކެވެ. ބެލުންތެރިން ގަބޫލުކުރާނީ ކޮން ވާހަކައެއް ހެއްޔެވެ؟އަމިއްލައަށް ކުށެއް ނެތްކަމަށް ދައުވާކުރާ، މަގުބޫލުކަން ގެއްލިފައިވާ ފަންނާނެއްގެ ވާހަކަ ހެއްޔެވެ؟ ނުވަތަ އޭނާގެ ފަރާތުން ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން މީހާގެ ވާހަކަ ހެއްޔެވެ؟
“ބަންދަރް” ފިލްމުގެ މައިގަނޑު މައުޟޫއިން ބެލުންތެރިންގެ އަހާލާގީ އަދި އިންސާނީ މިންގަނޑުތައް އިމްތިހާންކޮށްލަން މަޖުބޫރުކުރުވައެވެ. އަދި މި ފިލްމުގެ ބޭނުމަކީވެސް އެއީކަމުގައި ވެދޭނެއެވެ. މި ފިލްމުގައި ފެންނަ މަންޒަރުތަކުގެ ސަބަބުން ހަމްދަރުދީ އާއި ރުޅިވެރިކަމުގެ އިހުސާސްތަކެއްގެ މެދުގައި ތާށިވެ، ގޮތް ނިންމަން ދަތިވެއެވެ. އެއްކޮޅުން ފެންނަނީ ޖަލުގެ އަނިޔާވެރި މާހައުލަށް އެއްލާލެވި، އެތަނުގެ ބިރުވެރިކަމުން ނިކަމެތިކޮށްލާ ފިރިހެން ބަތަލެވެ. މީހުން ތޮއްޖެހިފައިވާ ގޮޅިތަކާއި، ކުނި ހަޑި ފާހާނާތަކާއި، ބިރުވެރި ކުށްވެރިންނާ، ޖިސްމާނީ އަނިޔާގެ ބިރުދެއްކުންތަކާއި، އަދި ހަޑިހުތުރު ބަސްތަކެވެ.
އަނެއްކޮޅުން ފެންނަނީ، އޯގާތެރިކަމާއި ގުޅުމަކަށް ފެންބޮވައިގެންފައިވާ، ނާޒުކު އަންހެނެކެވެ. މި ފިލްމުގައި ފެނިގެންދަނީ ދެމީހުންގެ ރުހުމުގައި ހިނގި ގުޅުމަކަށްފަހު، އެ ފިރިހެން މީހާ ރަހުމުކުޑަ ގޮތަކަށް އޭނާ ދޫކޮށްލާ މަންޒަރެވެ. ނުވަތަ އެއްލާލާތަނެވެ. އަދި އޭނާ ބޭނުންވި ފަދަ ހިޔާލީ އުފާތަކެއް އެ އަންހެން މީހާގެ ފަރާތުން ނުލިބުމުން، އެއީ ބޭކާރުވެގެންދިޔަ ރެއެއްގެ ގޮތުގައި އެ ފިރިހެން މީހާ ސިފަކުރެއެވެ.
މި ފިލްމުގައި ސަމަރް މަލްހޯތުރާގެ ރޯލުން ފެނިގެން ދަނީ ބޮބީ ޑިއޯލްއެވެ. އޭނާ ފެންނަނީ މުނިފޫހިފިލުވުގެ ދާއިރާގައި އެއްޒަމާނެއްގައި ބޮޑު ނަމެއް ހޯދިފައިވާ، ކިބުރުވެރިއެއްގެ ގޮތުގައެވެ. އޭނާ ޓީވީ ސީރީޒްތަކުގައި މަސައްކަތްކުރާކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ އެއީ އޭނާގެ ހުނަރަށް ހުރަސްއަޅާ ކަމެއްގެ ގޮތުގައި ދެކޭތީއެވެ. އޭނާ ބޭނުންވަނީ ހަމައެކަނި ފިލްމު ކުޅޭށެވެ.
ފިލްމުގެ ބާކީ ތިބި އެކްޓަރުންވެސް ވަނީ ފިލްމަށް ބޭނުންވި ފުރިހަމަ ކުޅުން ދައްކުވައިދީފައެވެ. ސަމަރް ކުށްވެރިކޮށް ކޯޓަށް ދަމާލާ އަންހެން މީހާގެ ރޯލުން ސަޕްނާ ޕައްބީ، ސަމަރްގެ ކޮއްކޮގެ ރޯލުން ސާނިޔާ މަލްހޯތުރާ (އެންމެ ފުރަތަމަ އޭނާއަށް ސަޕޯޓްކުރި ނަމަވެސް ފަހުން މާޔޫސްވެ ފޫހިވާ ކޮއްކޮ)، ބުރަކޮށް މަސައްކަތްކުރާ ވަކީލުގެ ރޯލުން ރިއްދީ ސެން، އަދި ސަމަރް ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖާގެ ރޯލުން ސަބާ އަޒާދު ހިމެނެއެވެ. މި އެންމެންގެ އެކްޓިންވެސް ވަރަށް ފުރިހަމައެވެ.