English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މުޖުތަމައުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، “ދަ ޕަލްސް”ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާ އެއް ފައްޓަވައިފިއެވެ.

ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފާ ޙިއްޞާކުރެއްވުމާއި، ޒިންމާދާރު ނޫސްވެރިއެއްގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުން ފަރުމާކުރެވިފައިވާ މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި އިއްޔެ މެންދުރުފަހު ވަނީ ހިއްސާކުރައްވާފައެވެ.

“ދަ ޕަލްސް”ގެ ފުރަތަމަ އެޕިސޯޑް އިފްތިތާހުކުރެވުނު ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށް ވުމާއެކު، މި މި އެޕިސޯޑް ހާއްސަކުރައްވާފައިވަނީ ތިމާވެށީގެ މައުޟޫއަށެވެ. ޕޮޑްކާސްޓް ފަރުމާކުރައްވާފައިވަނީ، ކޮންމެ އެޕިސޯޑެއްވެސް އެއް މައުޟޫއަކަށް ހާއްސަވާ ގޮތަށެވެ. މި މޭރުމުން، ތިމާވެއްޓާ ގުޅިގެން އާންމު ރައްޔިން ފާޅުކުރެއްވި ބައެއް ހިޔާލާއި ޝުއޫރު، އަދި ކަންބޮޑުވުންތައް، ރައީސް ވަނީ ބައްލަވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅިގެން ރައްޔިތުން ހިއްސާކުރި ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގައި އަދިވެސް ދަތިތައް ކުރިމަތިވުމާއި، ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ ސަބަބުން ސިނާއީ ގޮތުން އުނދަގޫތަކާ ކުރިމަތިލާންޖެހުން ފަދަކަންކަން ހިމެނެއެވެ.

މިކަންކަމަށް ރިއާޔަތްކުރައްވާ، ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ނާޒުކު ފައްތަރެއްގައި އޮތް ގައުމެއް ކަމަށާ، ނަމަވެސް ދިވެހިރާއްޖެއަކީ ގޮތް ހުސްވެފައި އޮތުމުގެ ބަދަލުގައި، ތިމާވެށީގެ ކަންކަމުގައި ލީޑަރޝިޕްނަގާ ގައުމެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ، ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެންކަމުގައި ފާހަގަކުރައްވާ، ރައީސް އިތުރަށް ވިދާޅުވީ، ތަރައްގީއާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއްކަމަކަށް ފައިދާކުރާ، ވަށާޖެހޭ ގޮތަށް އޮންނަ ދެ ކަންތައް ކަމުގައެވެ.

މި މޭރުމުން އެމަނިކުފާނުވަނީ ސަރުކާރުން ކުރިއަށްގެންދަވާ ތަރައްގީގެ މަޝްރޫއުތަކުގައި، ތިމާވެށި ހިމާޔަތްކުރުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތު ފާހަގަކުރައްވާ، އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.އެގޮތުން ސިޓީތަކާއި ރަށްތައް ފެހިކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިން، 5 މިލިއަން ގަސް ޕްރޮގްރާމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވާ، ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތެއްގެ އަމިއްލަ އިސްނެގުމުގެ މަތިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާ، އެކަމަށް ހިތްވަރުދެއްވިއެވެ.

“ދަ ޕަލްސް” ޕޮޑްކާސްޓްގެ ދެވަނަ ބައި ކުރިއަށް ގެންދަވަނީ ރާއްޖޭގެ ޒިންމާދާރު ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް، އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގަތީ ވަގުތު ނޫހުގެ ފަރާތުން ޔާމީން މުހައްމަދެވެ. މިފަހަރުގެ މައުޟޫއުގައި ނޫސްވެރިޔާކުރެއްވި ސުވާލުތަކަށް ރައީސް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. މި ބަސްދީގަތުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމާއި، އަމަލީ ގޮތުން އެކަން ތަންފީޒުކުރައްވަމުން ގެންދަވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، “ދަ ޕަލްސް”އަކީ އެވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުޟޫއެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސްށް ހުށަހަޅުއްވައި، ރައީސް އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ހާއްސަ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.