ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން އެކަހެރިކޮށް، ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ “ދަ ޑިމޮކްރެޓްސް” ގެ ޓިކެޓުގައި އިންތިހާބުވި ޝުޖާއު، އިދިކޮޅު އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެންނެވެ. އެހެންކަމުން އެލްޖީއޭގެ ބޯޑުން މި މައްސަލާގައި ވަކި ގޮތެއް ނިންމަންދެން އޭނާ ހުރީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި “ދަ ޑިމޮކްރެޓްސް” އަކީ ސިޔާސީ ޕާޓީއެއްގެ ގާނޫނީ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން އުވާލާފައިވާ ޕާޓީއެކެވެ.
އެ ޕާޓީ އުވާލުމުގެ ކުރިންވެސް، ރައީސް ނަޝީދާއެކު ގިނަ އަދަދެއްގެ މެންބަރުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ބެލެވޭ ގޮތުގައި ޝުޖާއުވެސް އެމްޑީޕީއަށް އަލުން ސޮއިކުރީ ޑިމޮކްރެޓްސް އުވާލުމާ ގުޅިގެންނެވެ.