އަމިއްލަ ފަރާތަކުން ވ. ތިނަދޫގައި މިސްކިތެއް ބިނާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި 30 ޖަނަވަރީ 2023 ގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިސްކިތެއް ބިނާކުރުމަކީ ވަރަށް މަތިވެތި ކަމެއްކަމަށާއި އުންމީދަކީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި މިސްކިތް ނިމުންކަމަށެވެ.
މިސްކިތުގެ މަސައްކަތް ކުރިއަށްދާއިރު ދިމާވާ ކަންކަމުގައި މިނިސްޓްރީގެ އެހީތެރިކަމެއް ބޭނުންވާނަމަ، މިނިސްޓްރީން އެފަދަ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި މިސްކިތަކީ 185 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ބިނާކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސް ތެރޭގައެވެ.