ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް 62 ވޯޓުން އިންތިހާބުވެއްޖެއެވެ. މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މި މަގާމަށް އޭނާ އިންތިހާބުކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މި މަގާމަށް ސަލީމްގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާދަކުރެއްވިއެވެ. ވޯޓުލުމުގެ ނަތީޖާއަށް ބަލާއިރު، ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމް މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ. އެ ތުހުމަތުތައް ނާޒިމް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމެވީ ވެރިކަން ކުރާ ޕާޓީގެ މެންބަރުން އެކަމަށް އެދިވަޑައިގަތުމުން، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށެވެ.