ބަރަކާތްތެރި އަޟްހާ އީދަކީ މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.
ރައީސްގެ ޚިތާބުގައި ވިދާޅުވީ، އަޟްހާ އީދަކީ މާތްﷲ ވަރަށް މުހިންމު އިބްރަތްތަކެއް އަދި ހިކުމަތްތަކެއް ލައްވާފައިވާ އީދެއް ކަމަށެވެ. އަދި މި އީދުން ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދީ، މުޖުތަމައުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ތިމާގެވެސް އުފާކަމުގައި ދުށުމަށް ދަސްކޮށްދޭ ކަމަށެވެ. މީގެ އިތުރުން، އީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ ގުޅުމަކީ މުޅި ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަމާއި، އީދުގެ ހަގީގީ ޖައުހަރަކީ ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް ދީނާއި ހައްގުގެ މަގު އިސްކުރުންކަން ފާހަގަކުރެއްވިއެވެ.
އީދުގެ ކުޅިވަރުތައް ކުޅެ އުފާފާޅުކުރާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށާއި، ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވެވަޑައިގަތުމަށް ރައީސް ވަނީ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
އުޟްހިޔާ ކަތިލުމާއި، އެކިއެކި ހަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަގީރުންނަށް އެހީތެރިވެދިނުމަކީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއްކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިއީ މައާފުކުރުމުގެ ފިނި ރޯޅިން ހިތްތަކަށް ދިރުން ގެނެސްދޭ މޫސުމެއް ކަމަށާއި، މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއެކު އާއިލީ ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް ފުރުސަތުކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.