English Edition
Dhivehi Edition
Soccer Football - FIFA World Cup 2026 - Luis de la Fuente announces Spain squad - Edificio Telefonica, Madrid, Spain - May 25, 2026 Spain coach Luis de la Fuente during the squad announcement presentation REUTERS/Kacper Pempel

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އިން ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި ބާސެލޯނާގެ އަށް ކުޅުންތެރިން ހިމެނުނު ނަމަވެސް، ރިއަލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިއަކަށް ފުރުސަތު ދީފައެއް ނުވެއެވެ. މިއީ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ހޯމަ ދުވަހު އިއުލާންކުރި ސްކޮޑެކެވެ.

މިއީ ސްޕެއިންގެ ތާރީޚުގައި ވެސް ރިއަލް މެޑްރިޑުގެ ކުޅުންތެރިއަކު ނުހިމަނައި އެ ގައުމުން ވޯލްޑް ކަޕަކާ ކުރިމަތިލާ ފުރަތަމަ ފަހަރެވެ. 15 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކްލަބުގެ އެއްވެސް ކުޅުންތެރިއަކު، މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ސްޕެއިން ޓީމުގައި ނެތުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ.

ރިއަލް މެޑްރިޑުގެ ޑިފެންޑަރުން ކަމަށްވާ ޑީން ހައިސެން އާއި ޑެނީ ކަވަހާލްއަށް ސްކޮޑުން ޖާގަ ނުލިބުނުއިރު، 2010 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި ހޯދުމަށް ސްޕެއިން ކުރާ މަސައްކަތުގައި ޓީމުގެ މައިބަދައަކަށް ވެފައިވަނީ ބާސެލޯނާގެ ކުޅުންތެރިންނެވެ.

ކޯޗު ޑެލަ ފުއެންޓޭ ވަނީ ވަކި ކްލަބެއްގެ ކުޅުންތެރިން ނެތުމަށްވުރެ، ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ މުހިންމުކަން ފާހަގަކޮށްފައެވެ.

” އަހަރެން ބަލަނީ އެއީ ކޮން ކްލަބެއްގެ ކުޅުންތެރިންތޯއެއް ނޫން. އެއީ ގައުމީ ޓީމުގެ ކުޅުންތެރިން. ވަކި ކްލަބަކަށް އިސްކަންދީފައި ނޯންނާނެ. އަހަރެން ބޭނުންވަނީ މި ކުޅުންތެރިން ގައުމީ ޓީމު ތަމްސީލުކުރުމަކީ ފަޚުރެއް ކަމުގައި ދެކޭ ކުޅުންތެރިންތަކަކަށް ވުން،” ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުންޏެވެ.

“ސްޕެއިންގެ ކަންކޮޅުތަކުގައި ތިބި ބޮޑެތި މީހުންނާއި ކުޑަކުދިންގެ ފަރާތުން ފެންނަނީ ގައުމީ ޓީމަށް އޮތް ފުރިހަމަ ތާއީދު.”

ޑެލަ ފުއެންޓޭ އިތުރަށް ބުންޏެވެ.

މީގެ އިތުރުން، ފައިގެ ފަހަތު މަސްގަނޑަށް (ހެމްސްޓްރިންގް) ލިބިފައިވާ އަނިޔާތަކަކާއެކު މުބާރާތަށް ދާން ތައްޔާރުވަމުންދާ ލަމީން ޔަމާލް އާއި ނިކޯ ވިލިއަމްސްގެ އަނިޔާގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވެސް ކޯޗު ވާހަކަދެއްކިއެވެ.

“އަހަރެމެން މިތިބީ ވަރަށް ހަމަޖެހިގެން. އިތުރު ގޯހެއް ދިމާނުވާނަމަ، ފުރަތަމަ މެޗުން ފެށިގެން ހުރިހާ ކުޅުންތެރިންވެސް ތިބޭނީ ފިޓްކޮށް. އަހަރެމެން މިދަނީ ކްލަބްތަކުގެ މެޑިކަލް ޓީމުތަކާ ގާތުން މުއާމަލާތް ކުރަމުން،”

އޭނާ ބުންޏެވެ.

“އެ ކުޅުންތެރިން ބޭނުންކުރަން އެންމެ ރަނގަޅު ވަގުތު ޖެހުމުން އަހަރެމެން އެ ފުރުސަތު ދޭނަން. އަހަރެން އަލުން ތަކުރާރުކޮށް ބުނަން ބޭނުންވަނީ، ހުރިހާ ކުޅުންތެރިންވެސް ތިބޭނީ އެންމެ ފުރިހަމަ ފޯމުގައި ކަމަށާއި، މުބާރާތުގައި އެ ކުޅުންތެރިންގެ ކުޅުން ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް.”

ޑެލަ ފުއެންޓޭ އިތުރަށް ބުންޏެވެ.

ބާސެލޯނާގެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖޮއާން ގާސިއާ، ޕާއު ކުބާސީ، އެރިކް ގާސިއާ، ގަވީ، ޕެޑްރީ، ޑެނީ އޮލްމޯ، ލަމީން ޔަމާލް އަދި ފެރާން ޓޮރޭޒްއެވެ. މީގެ އިތުރުން އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅޭ ހަތް ކުޅުންތެރިއަކު ވެސް ސްކޮޑުގައި ހިމެނެއެވެ.

އާސެނަލްގައި ކުޅެމުންދާ ތިން ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ޑޭވިޑް ރާޔާ އާއި މިޑްފީލްޑަރުން ކަމަށްވާ މާޓިން ޒުބިމެންޑީ އަދި މިކޭލް މެރީނޯ ސްކޮޑުގައި ހިމެނޭއިރު، މެންޗެސްޓަރ ސިޓީގެ ރޮޑްރީއަކީ މެދުތެރޭގައި ކޯޗަށް ލިބޭނެ ވަރުގަދަ ބާރެކެވެ.

މީގެ ދެ އަހަރު ކުރިން ޖަރުމަނުގައި ބޭއްވި ޔޫރޯ މުބާރާތް ކާމިޔާބުކުރުމުން ލިބުނު އިތުބާރާއެކު ސްޕެއިން ވޯލްޑް ކަޕަށް ކުރިމަތިލާއިރު، އެ ގައުމުގެ ސަޕޯޓަރުންގެ ފަރާތުން އޮތް އުންމީދުތައް ވެސް ވަރަށް ބޮޑެވެ.