ކްރިމިނަލް ކޯޓުން ނެރުނު “ގެގް އޯޑަރާ” (ވާހަކަދެއްކުން މަނާކުރާ އަމުރާ) ހިލާފުވެގެން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ސިއްރު ޝަރީއަތެއްގައި ޖަލަށްލީ “އަދަދު” ނޫހުގެ ދެ ނޫސްވެރިންގެ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
މި މައްސަލައިގައި ޖަލަށްލާފައިވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާންއެވެ. މީގެ ތެރެއިން 10 ދުވަހުގެ ޖަލު ހުކުމެއް އައި ލީވާން މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފައެވެ. ނަމަވެސް 15 ދުވަހުގެ ބަންދެއް އިއްވި ޝަހުޒާން އަދިވެސް ހުރީ ޖަލުގައެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާއާ ކުރި ސުވާލަކާ ގުޅިގެންނެވެ. އޭނާ 15 ދުވަހަށް ޖަލަށްލުމުގެ އިތުރުން 25،000 ރުފިޔާއިން ވަނީ ޖުރިމަނާކޮށްފައެވެ. ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭގޮތުން ހަބަރެއް ލިޔުމާ ގުޅިގެންނެވެ.
މި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތައް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އާއި އައިއެފްޖޭ އިން ވަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.
ދެ ނޫސްވެރިންގެ ފަރާތުން ވަކިވަކިން ހުށަހެޅި މި އިސްތިއުނާފީ މައްސަލަ ހައިކޯޓުން ބަލައިގަތް ނަމަވެސް، މި މައްސަލައިގެ އަޑުއެހުންތައް ފަށާނެ ތާރީޚެއް އެ ކޯޓުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.