English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށާއި އާންމުންގެ ލާބައާއި ހެވަށްޓަކައި ދައުލަތުގެ މުއައްސަސާތަކަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އދ. ގެ ޕަބްލިކް ސާވިސް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހާއްސަ ޕޯސްޓެއްގައެވެ.

ރައީސްގެ މެސެޖުގައި، މުޖުތަމައުތައް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކޮށް، އިންޓަނޭޝަނަލް ފެންވަރުގައި ގައުމު ކުރިއަރުވަން ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ދައުލަތުގެ ހިދުމަތްތެރިންގެ ހިތްވަރުގަދަ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި އާންމުންގެ ހެވާއި ލާބައަށް ފަސްޖެހުމެއްނެތި ދެމުންދާ ހިދުމަތްތަކަށްޓަކައި އެ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ދައުލަތުގެ މުއައްސަސާތަކަކީ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ދޭ ތަންތަނަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިސްލާހީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށާއި، މިއީ ސަރުކާރުން އެންމެ އިސްކަންދޭ މުހިންމު ސިޔާސަތެއްކަން އެމަނިކުފާނުގެ ވާހަކަފުޅުން ހާމަވިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23 ވަނަ ދުވަހު އދ. ގެ ޕަބްލިކް ސާވިސް ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ޕަބްލިކް ސާވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެމީހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމެވެ. މީގެ އިތުރުން، ގައުމީ ތަރައްގީއަށް ދައުލަތުގެ ހިދުމަތްތެރިންގެ ހިއްސާ ދެނެގަނެ، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.