ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން ވަޒީރުކަމުގެ ޖާގައެއް ދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތް ކަމަށާއި، ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ އެކަން ކާމިޔާބު ނުވުމުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ. އއ. ތޮއްޑޫގައި ބޭއްވި ސިޔާސީ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ނަޝީދާއި އެމްޑީޕީއަށް މިއަދު މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ފުރުސަތު ލިބިފައިވަނީ ރައީސް މުއިއްޒަށް ވެރިކަމުގެ ނިޒާމު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވި ގޮތުގައި، ކެބިނެޓުން ޖާގަ ނުލިބުމުގެ މައްސަލައިގައި ހިތްހަމަނުޖެހިގެން ނަޝީދު ސައުތު އެފްރިކާއަށް ވަޑައިގަތް ކަމަށާއި، މިކަމަށް ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފު ވެސް ހެކިވެވަޑައިގަންނަވާނެއެވެ. ނަޝީދު މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ އެ މަނިކުފާނު “ހަމައިގައި ހުންނަވައިގެން” ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށް ވެސް ޝުޖާއު ވަނީ ތުހުމަތު ކުރައްވާފައެވެ.
މި ސަރުކާރުގެ ކުރީކޮޅު މިއީ އެ މަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާ ސަރުކާރެއް ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، ސަރުކާރުން އޭރު ވަނީ އެކަން ދޮގުކޮށްފައެވެ. މިހާރު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދު ގެންދަވަނީ މި އަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.