އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަވައި، “އައްޑޫ މީދޫ” އަދި “އައްޑޫ ހުޅުދޫ” އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ބަދަލާއެކު އައްޑޫ ސިޓީގެ ބާކީ ހުރި ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދު ދެން ހިންގަމުންދާނީ “އައްޑޫ ސިޓީ”ގެ ނަމުގައި، ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާވެސް މިހާރު ވަނީ އަލުން ތަރުތީބު ކުރައްވާފައެވެ.
މި ބަދަލާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ފޮނުވާ ރަސްމީ ސިޓީތަކުގައި ބޭނުންކުރާނެ ކޯޑު ނަންބަރުތައް ވެސް ރައީސް އޮފީހުން ވަނީ ކަނޑައަޅުއްވާފައެވެ.
މި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ، އައްޑުއަތޮޅު “އައްޑޫ މީދޫ ކައުންސިލްގެ އިދާރާ”އާއި، “އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ”ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތްވެސް އާންމު ކުރައްވާފައެވެ.