މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފެށުނު އިރާން ހަނގުރާމައާ ގުޅިގެން، މާޗު މަހާއި އެޕްރީލް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ ނަންބަރުތައް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަނީ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗު އަދި އެޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 20 ޕަސަންޓު ދަށަށް ގޮސްފަ އެވެ. މި ދެ މަހުގައި ނަންބަރުތައް ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު، މެއި މަހުގެ ތެރޭގައި 1.7 ޕަސަންޓުގެ ކުޑަ ކުރިއެރުމެއް ޓޫރިޒަމަށް ވަނީ ލިބިފަ އެވެ. ނަމަވެސް ޖޫން މަހުގެ މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދު ވެސް ހުރީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 16.6 ޕަސަންޓު ދަށުގަ އެވެ.
މި އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,011,473 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1،063،894 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.9 ޕަސަންޓުގެ ދަށްވުމެކެވެ. މިއަހަރުގެ ފެށުން ވަރަށް ރަނގަޅުވި ނަމަވެސް، މެދުތެރެއިން އައި ބަދަލުތަކާއެކު ނަންބަރުތައް ވަނީ ދަށަށް ގޮސްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ކުރީގައި އަދިވެސް އޮތީ ޗައިނާ އާއި ރަޝިއާ އެވެ. މިއީ ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން އައި ހަމައެކަނި ދެ ގައުމެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ 68 ޕަސަންޓު ހިއްސާކުރަނީ އެންމެ ބޮޑު 10 ގައުމަކުންނެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، މިދިޔަ 2025 ވަނަ އަހަރު ރާއްޖެއަށް އައި ރެކޯޑު އަދަދަށް މި އަހަރު ޓޫރިސްޓުން އައުމަކީ ދުރު ކަމެކެވެ. އެހެން ނަމަވެސް، 2024 ވަނަ އަހަރުގެ ނަންބަރުތަކާ ދާދި އެއްވަރެއްގެ އަދަދަކަށް މި އަހަރު ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.