1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން، އައްޑޫ ސިޓީގެ ހިތަދޫއަށް ލިބިފައިވާ ކަދުރު ބެހުމުގެ އިންތިޒާމުތައް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ހަމަޖައްސައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިއަހަރު ހިތަދޫއަށް ޖުމްލަ 720 ޕެކެޓް ކަދުރު ލިބިފައިވާ ކަމަށެވެ. އަދި މި ކަދުރު ބެހުމަށް ނިންމާފައިވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، މީހުން ދިރިއުޅޭ ގޭބިސީތަކަށް ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.
ކަދުރު ބަހާނީ ކައުންސިލަށް ހާޒިރުވާ ތަރުތީބުން، ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވާ ގޮތް:19 މޭއި 2026 އިން 21 މޭއި 2026 އަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 12:00 އަށެވެ.
އައްޑޫ ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ކަދުރު ހޯދަން އަންނަ ފަރާތްތަކުން އައިޑީކާޑުގެ އިތުރުން، އެ ގޭގެ ކަރަންޓު މީޓަރު ނަންބަރު އެނގޭނެ ފަދަ ލިޔުމެއް ހިއްސާކުރަންވާނެ ކަމަށެވެ.