ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 2.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ސްޓިކް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ވިޔަފާރި ބަނދަރުންނެވެ. އަތުލައިގަތް ތަކެތީގެ ތެރޭގައި 230 އަށް ވުރެ ގިނަ ކޭސް ސިނގިރޭޓް ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވީ ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ރާއްޖޭގެ ބާޒާރުގައި އާންމުކޮށް ސިނގިރޭޓް ވަކިން ވިއްކާ އަގުތަކަށް ބަލާއިރު، މި ފަހަރު އަތުލައިގަތް ސިނގިރޭޓްތަކުގެ ޖުމްލަ އަގު 32 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ރާއްޖެއަށް ސިއްރުން ސިނގިރޭޓް އެތެރެކުރަން އުޅުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.އެގޮތުން މީގެ ކުރިން ވަގަށް އެތެރެކުރަނިކޮށް ހިފެހެއްޓި ސިނގިރޭޓް ކޮންޓެއިނަރެއް ގެއްލުނު މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާވެސް އުފުލިފައިވެއެވެ.