English Edition
Dhivehi Edition
އެމްއެންޑީއެފް ޑައިވަރުން

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ހަތަރު ޓޫރިސްޓުން ހޯދުމުގެ ބޮޑު އޮޕަރޭޝަން، ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފިންލޭންޑުގެ ތަޖުރިބާކާރު ޓީމާ އެކު މިއަދު އަލުން ފަށައިފި އެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ފިންލޭންޑުގެ ތިން ޑައިވަރުންގެ ޓީމާއި ރާއްޖޭގެ ރެސްކިއު މިޝަންގެ ޓީމާ ދެމެދު އިއްޔެ ކުރެވުނު މަޝްވަރާތަކަށް ފަހު މިއަދު އޮޕަރޭޝަން އަލުން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސްޓާފް Sއާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މެދުކަނޑާލި މި އޮޕަރޭޝަން އަލުން ފެށި ނަމަވެސް، މިއަދު މާ ފުނަށް ފީނަން ހަމަޖެހިފައެއް ނުވެ އެވެ. މުންދު ވިދާޅުވީ މިއަދު ކަނޑު އަޑިއަށް ފޮނުވާ ރިމޯޓް ކޮންޓްރޯލް ވެހިކަލް (އާރުއޯވީ) ބޭނުންކުރި ނަމަވެސް، އޮއިވަރު ހުރި ގޮތުން މާ ފުނަށް ފޮނުވޭ ގޮތް އަދި ނުވާ ކަމަށެވެ. މިއަދުގެ ބަޔަކީ ސައިޓް ބަލައި، ބޭރުގެ ޓީމާ އެކު ސައިޓަށް އަހުލުވެރިވުން ކަމަށާއި، ދިވެހި ޑައިވަރުން ދެން ކުރާނީ ކޮންމެހެން ކުރަންޖެހޭ ރިކްރިއޭޝަނަލް ޑައިވްތައް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ޓޫރިސްޓުން ދަތުރުކުރި ސަފާރީ “އެމްވީ ޑޫކް އޮފް ޔޯކް” ގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ސަސްޕެންޑު ކޮށްފަ އެވެ. ވ. އަތޮޅުގެ މަޝްހޫރު “މިޔަރު ޑައިވް” ސައިޓުގެ ހޮހަޅައަށް ފީނަން އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ފަސް މީހުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު 60 މީޓަރު (197 ފޫޓު) އަޑިން ފެނުނު ނަމަވެސް، ބާކީ ތިބި ހަތަރު ޓޫރިސްޓުން އަދިވެސް ނުފެނެ އެވެ. ރާއްޖޭގައި މުނިފޫހިފިލުވުމަށް ފީނަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ.