ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދުގެ މެންދުރު 12:57 ހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.
މި މީހާ ގެނބިގެން ހާލު ދެރަވުމާ ގުޅިގެން، ވަގުތުން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ މީހާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒާ ހަވާލާދީ ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.