English Edition
Dhivehi Edition
ރާއްޖެއިން އޮސްޓްރޭލިއާއަށް މޯލްޑިވިއަން އެއާލައިންގެ ފުަރަތަމަ ދަތުރުގައި ބައިވެރިވި ބައެއް ޓޫރިސްޓުން

ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން “މޯލްޑިވިއަން” އިން އޮސްޓްރޭލިއާއަށް ކުރި ފުރަތަމަ ސީދާ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައި، އޮސްޓްރޭލިއާގެ މެލްބަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޯޓު ޖައްސައިފި އެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި މުޅިން އާ ސަފުހާއެއް އުފެއްދި ދަތުރެކެވެ. މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދުރު ރާސްތާގެ މާކެޓެއްގައި ކުންފުނީގެ ގާބިލުކަން ހުރިގޮތް ބެލުމަށާއި، ޑިމާންޑް ދެނެގަތުމުގެ ގޮތުން ހަ މަސް ދުވަހުގެ ޓްރަޔަލް މުއްދަތަކަށެވެ.

މި ތާރީހީ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މޯލްޑިވިއަންގެ ފްލީޓަށް ދާދިފަހުން އިތުރުކުރި އޭ330 މަރުކާގެ ބޯޓުގަ އެވެ. ދުރު ރާސްތާގެ ދަތުރުތަކަށް ހާއްސަ މި ވައިޑް-ބޮޑީ ބޯޓުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން (ވީއައިއޭ) ފުރައިގެން ދިއުމާއެކު، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މައުލޫމާތުތައް ވަގުތުން ފޯރުކޮށްދޭ މަގުބޫލު ވެބްސައިޓެއް ކަމަށްވާ “ފްލައިޓް ރާޑަރ24” އިން ވެސް ވަނީ މި ދަތުރުގެ ލައިވް ޓްރެކިންގ މައުލޫމާތާއި ޗާޓުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނެސްދީފަ އެވެ.

މީގެ ކުރިން އޮސްޓްރޭލިއާއިން ރާއްޖޭގެ ޓޫރިޒަމް މާކެޓަށް އަންނަ ޓޫރިސްޓުންނާއި، އެ ގައުމުގައި ކިޔަވަން އުޅޭ ދިވެހި ދަރިވަރުން ޖެހެނީ ދުބާއީ، ސިންގަޕޫރު ނުވަތަ މެލޭޝިއާ ފަދަ އެހެން ގައުމުތަކެއް މެދުވެރިކޮށް 20 ގަޑިއިރަށް ވުރެ ގިނަ ވަގުތު ޓްރާންސިޓްގައި ހޭދަކުރާށެވެ. ނަމަވެސް މޯލްޑިވިއަންގެ މި ސީދާ ދަތުރުތަކާއެކު އެއްވެސް ތަނެއްގައި މަޑުނުކޮށް އެންމެ 11 ގަޑިއިރުގެ ތެރޭގައި އޮސްޓްރޭލިއާއަށް ދެވޭނެ އެވެ. މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ފަހަރު، ޓޫރިޒަމް މޫސުމާ ދިމާކޮށް “ސީޒަނަލް ބޭސިސް” އެއްގައެވެ.