English Edition
Dhivehi Edition
މެންބަރު ފަލާހު

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން، އަދި އިބްރާހީމް މުހައްމަދު ސޯލިހް ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފާލަހު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފާލަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބޭފުޅުންނަކީ “ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ތިން ބޭފުޅުން” ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރަން ކަމަށް ބުނެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނޫސްވެރިންނަށް ސުވާލު ކުރަން ޖެހުނީ އެ ބޭފުޅުން އެދޭ ގޮތަށް ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ސުވާލު ކުރުމުން ހުއްޓުވާލާފައިވާ ކަމަށްވެސް ފާލަހު ތުހުމަތު ކުރެއްވިއެވެ.

ފާލަހު ވަނީ ތިން ރައީސުންގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްތަކަށް ވަކިވަކިން އަލިއަޅުވާލައްވައި ފާޑުވިދާޅުވެފައެވެ.

  • ރައީސް ނަޝީދުގެ ވެރިކަން: ގާޒީއަކު “ވަގަށް ނަގައިގެން” ޖަލަށްލުމާއި، ކޯޓުތަކުގައި ތަޅުއެޅުވުމާއި، ރަހުމަތްތެރިންނަށް ފަޅުރަށްތައް ބެހުމުގެ އިތުރުން އެމްއެންބީސީ އާއި ސާކް ސަމިޓާ ގުޅޭ ވައްކަމުގެ މައްސަލަތައް ފާލަހު ފާހަގަކުރެއްވިއެވެ.
  • ރައީސް ޔާމީންގެ ވެރިކަން: ކޯޓުތަކުގެ ޓިނު ނަގައި ގާޒީންނަށް ބިރުދެއްކުމާއި، މަޖިލީހުގެ 12 މެންބަރުން ވަކިކޮށް މަޖިލިސް ހިސާރުކުރުމާއި، ނޫސްވެރިންގެ “އަނގަމަތީ ޓޭޕް އެޅުން” ފަދަ ކަންކަން ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ނޫސްވެރިޔާ ރިލްވާނާއި ޔާމީން ރަޝީދު މަރާލި ވާހަކަ ދެއްކުމުން އެކަން ހުއްޓުވި ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
  • ރައީސް ސޯލިހްގެ ވެރިކަން: ގައުމު 60 ބިލިއަން ރުފިޔާއިން ދަރުވާލައި ދަރަނި ދަންތުރައެއްގައި ޖެއްސުމާއި، “ނޭވާ ހޮޅިން ވައްކަން ކުރުމާއި”، ބަދަލުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ދިނުމުގެ އިތުރުން، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރުމާއި ސްޕްރީމް ކޯޓާއި ހައިކޯޓުގެ ބެންޗަށް ބަދަލުތައް ގެނައި ކަމަށް ފާލަހު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ އާއި މަޖިލީހުގެ މިނިވަންކަމާއި، އިގްތިސާދު ރަނގަޅުކުރުމާއި ކޮރަޕްޝަން ނައްތާލުމަށް އެ ބޭފުޅުން އެއްބަސްވި ލިޔުމުގައި އޮތުމުން ހިނި އަންނަ ކަމަށް ފާލަހު ވިދާޅުވިއެވެ.

“މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް. ދެން މި މީހުން ގައުމާއި ރައްޔިތުންނަށް ހެއު އެދޭނެ މިންވަރު ވިސްނާލައްވާ. އޮތީ ހުސް އަމިއްލަ އެދުން،” ފާލަހު ވިދާޅުވިއެވެ.

މި ތިން ރައީސުން ގުޅިގެން ސިޔާސީ މަސައްކަތްތަކެއް ފަށްޓަވާފައިވާ މި ދަނޑިވަޅުގައި، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނާއި މަޖިލިސް މެންބަރުން ދަނީ އެ ބޭފުޅުންގެ އިއްތިހާދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.