English Edition
Dhivehi Edition
ސިނާން އަދި އަހުމަދު ސައީދު (ސޮޑާ)

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ޕީއެންސީގެ ޓިކެޓް ލިބިވަޑައިގެންފައިވާ މުހައްމަދު ސިނާން (ސިނާ) އެ ޓިކެޓް ދޫކޮށްލެއްވީ އަމިއްލައަށް ބޭނުންވެގެން ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހް ވިދާޅުވި ގޮތުގައި މިއީ ސިނާން އަމިއްލައަށް، ޕާޓީގެ ލީޑާޝިޕާ މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ސިނާން މި ގޮތަށް ނިންމެވީ އާއިލާއާއެކު ވަގުތު ހޭދަކުރެއްވުމަށް ކަމަށް ފަލާހް ވިދާޅުވިއެވެ.

ސިނާންގެ ބަދަލުގައި މިހާރު ޕީއެންސީގެ ޓިކެޓް ދީފައިވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސައީދު (ސޮޑާ) އަށެވެ. ސިނާނަށް މެންބަރުކަން ގެއްލުނީ އިސްލާމިކް ބޭންކުން ނެންގެވި ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

މި ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ޕީއެންސީން މިހެން ބުނި ނަމަވެސް، ސޯޝަލް މީޑިއާގައި ބައެއް އާންމުން ދަނީ ސިނާން ނަން އަނބުރާ ގެންދެވީ ޕާޓީގެ މަޖުބޫރުކުރުމެއް އޮވެގެން ކަމަށް ބުނެ ފާޑުކިޔަމުންނެވެ.