އާއިލާތަކުގެ ދުވަހާ ގުޅިގެން، ބާރުވެރި މުޖުތަމައެއް އަދި އުޖާލާ ކުރިމަގެއް ބިނާކުރުމުގައި އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި އެހީތެރިކަމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ، މި ދުވަސް ފާހަގަކުރާއިރު އާއިލާތަކުން މުޖުތަމައުއަށް ކޮށްދޭ މުހިންމު ކަންތައްތައް ބަލައިގަންނަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.
އާއިލާތަކަށް މިހާރު ކުރިމަތިވަމުންދާ އާ އިގްތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ސާޖިދާ ވިދާޅުވީ، އެފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އެގޮތުން، މައިންބަފައިންނާއި ކުދިންގެ އިތުރުން ބަލަދުވެރިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފަސްޓް ލޭޑީ ވިދާޅުވީ، އާއިލާތަކުގެ ފުރިހަމަ ކުރިއެރުމަށާއި ތަރައްގީއަށް އިންވެސްޓްކުރުމަކީ، ތަނަވަސް އަދި ކުރިއަރާފައިވާ ރާއްޖެއެއް ބިނާކުރުމުގެ ބިންގަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. އެކަމަނާގެ މެސެޖު ނިންމަވާލައްވަމުން ވަނީ ގައުމުގެ ކުރިމަގު ބިނާކުރުމުގައި އާއިލާތަކުގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފައެވެ.