English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ

އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

އެކަމަނާ މި ލޯގޯ އިފުތިތާޙުކޮށްދެއްވާފައިވަނީ މިއަދު ހެނދުނު އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ހަފުލާގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

“މިއަދު އިފުތިތާޙުކޮށްދެއްވި ލޯގޯ އާއެކު ގޭގައި ތިބެގެން މަސައްކަތްކުރައްވާ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް ފުރުސަތު ފަހިވެގެންދާނެ. އަދި ހާއްސަކޮށް ކަނބަލުންގެ ވިޔަފާރިތަކަށް މިކަމުން ފައިދާ ލިބިގެންދާނެ,” -ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން-

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލޯގޯގެ މަގުސަދުތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްއެފްޑީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލޯގޯއެއް ނުވަތަ ނިޝާނެއް ދިނުމަކީ އެތަކެތީގެ ރައްކާތެރިކަމާމެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ލޯގޯ ތައްޔާރުކުރުމުގެ މަސައްކަތް ބީސީސީ އިން އިސްނަންގަވައިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއެކު ކުރެއްވިކަމީ، އާމްދަނީ ހޯދުމަށްޓަކައި ގޭގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ފައިދާކުރާނެ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ކަމާގުޅޭ އިދާރާތަކުން މިގޮތަށް ގުޅިގެން ކުރާ މަސައްކަތްތަކުން ޤައުމުގެ ކުރިއެރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ޤާނޫނަކަށްވެ އެ ޤާނޫނު ތަންފީޒުވެގެންދިއުމަށް އެދިވަޑައިގެންފައެވެ. މިކަމުން ރައްޔިތުންގެ ފައިދާއަށާއި ޤައުމުގެ ކުރިއެރުމަށް މަގުފަހިކުރެވިގެން ދާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ ހޯދަން އެދި ހުށަހެޅޭނީ ދިރިތިޕޯޓަލް މެދުވެރިކޮށެވެ. “އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު” ބީސީސީ އިން އެކުލަވައިލައި މިހާރު ވަނީ ގެޒެޓުކޮށްފައެވެ.