ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، 30 ނޮވެމްބަރު 2023ގައި ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.