ފޯނު އަތުގައި ނެތް ނަމަވެސް ސީދާ ސްމާޓްވޮޗު މެދުވެރިކޮށް ގުޅާލެވޭ “ވޭރަބަލް އީސިމް” ގެ ހިދުމަތް، ރާއްޖޭގައި ފުރަތަމަ ފަހަރަށް އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފުކޮށްފިއެވެ.
މި ހިދުމަތް އެޕަލް ވޮޗު އަދި ސެމްސަންގް ގެލެކްސީ ވޮޗުގެ ސެލިއުލާ މޮޑެލްތަކަށް މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫން ބުނީ މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފޯނާ ދުރުގައި އުޅޭ ވަގުތުތަކުގައިވެސް، ގަޑި މެދުވެރިކޮށް ފަސޭހަކަމާއެކު ކޯލްތަކަށް ޖަވާބުދީ، މެސެޖުކޮށް އަދި މިއުޒިކް އަޑުއެހުން ފަދަ ކަންކަން ކުރެވޭނެ ކަމަށެވެ. މިއީ ހާއްސަކޮށް ކަސްރަތު ކުރާ ވަގުތުތަކާއި، ބޭރުތެރޭގައި ހަރަކާތްތެރިވާ ވަގުތުތަކުގައި ފޯނު ހިފައިގެން އުޅުމުގެ ބަދަލުގައި ލިބިގެންދާނެ ވަރަށް ބޮޑު މިނިވަންކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ޑިޖިޓަލް އީޖާދުތަކުގައި ރާއްޖޭގެ ކުރީ ސަފުގައި އޮތް އުރީދޫން ބުނި ގޮތުގައި، ވޭރަބަލް ޑިވައިސްތަކަށް އީސިމް ތައާރަފުކުރުމަކީ ސްމާޓް އަދި ގުޅިފައިވާ ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ 3ޖީ، 4ޖީ އަދި 5ޖީ ތައާރަފުކުރި އުރީދޫން އަންނަނީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ.