ފިލައިގެން އުޅެންޖެހޭވަރުގެ ކަމެއް ރާއްޖޭގައި އޮތް ކަމަކަށް ނުދެކޭ ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް ފިއްލަވައިގެން އުޅޭ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ، އަދި ރައީސް ޢަބްދުﷲ ޔާމިން ހުންނެވީ ހެޔޮ ޙާލުގައި ކަމަށާއި އެމަނިކުފާނުގެ ވެރިކަންވެސް އޮތީ ސަލާމަތުންކަމަށެވެ.
“ފިލައިގެން އުޅެންޖެހޭވަރުގެ ކަމެއް ރާއްޖޭގައި އޮތް ކަމަކަށް ނުދެކެން” ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް، ބޭރު މީހުން ރާއްޖެއައުމަށް ގޮވާލާއިރު އެކަން ކުރުމުގެ ފުރުޞަތު މި ސަރުކާރުން ނުދޭނެކަމަށެވެ.
“ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް މިތިބީ ތައްޔާރަށް. ރާއްޖޭގެ ރައްޔިތުން މަޑުމައިތިރިކަމާއެކު އެފަރާތްތަކުގެ މަސައްކަތްތަކުގައި މަސްއޫލުވެ އުޅުމަށް ފުރުޞަތު އޮތްއިރު، ކުރިއަށް އޮތް ތަނުގައިވެސް މިޤައުމުގައި ހަމަޖެހުން ޤާއިމުކުރެއްވުމަށްޓަކައި ސާބިތުކަމާއެކު ސަރުކާރާއެކު މިތިބީ” މޫސަ ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަކަށް ނެތް އެކަން ކުރެވޭކަށް، މި ދިދައިގެ ހިޔާވަހިކަމުގެ ދަށުގައި މިނިވަންކަމާއެކު އަޅުގަނޑުމެންގެ ޤައުމު ދެމިއޮންނަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް އަޅުގަނޑުމެން މިޕާޓީގެ ފަރާތުން ކުރާނަން، އެގޮތަށް ހުރިހާ ދިވެހިންވެސް ތިބިކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވާނަން. “ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވިއެވެ.