English Edition
Dhivehi Edition
އައްޑޫ މޫލެކެޑެ، ފިށިމަތި

ހިތަދޫ އަވަށުގެ “ގާޑިޔާ” ސަރަހައްދުގައި ހުއްދަނެތި އެހެލާފައިވާ އުޅަނދުތަކާއި ތަކެތި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މިކަމާ ގުޅިގެން ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހިތަދޫގެ ސަންލައިޓް ހިނގުމުން ފެށިގެން ޑެއިޒީމަގާ ހަމައަށް، ލިންކުރޯޑުގެ އިރުމަތީ ފަރާތު އައްސޭރިފަށުގައި ގިނަ އަދަދެއްގެ ދޯންޏާއި، ލޯންޗު އަދި ޑިންގީ ފަދަ އުޅަނދުތައް ހުއްދަނެތި އެހެލާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ސަރަހައްދަކީ ގޮނޑުދޮށް ހިމާޔަތްކުރުމާއެކު، ރަށުގެ މަލަމަތި ރީތިކުރުމަށްޓަކައި ކައުންސިލުން ތަރައްގީކުރަމުންދާ ސަރަހައްދެއްކަން ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ މިއަދުން ފެށިގެން 07 ދުވަސް ތެރޭ އުޅަނދުތައް ނެގުމަށް އަންގާފައެވެ.

އިތުރަށް ކައުންސިލުން ބުނީ ކަނޑައެޅިފައިވާ މުއްދަތުގައި ތަކެތި ނުނަގައިފިނަމަ، އާންމު ތަންތަނާއި މަގުމައްޗާއި ފަޅު ތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު ގެ ދަށުން އެ ތަކެތި ނެގުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާނެކަމަށެވެ. މީގެ އިތުރުން، ކައުންސިލުން ތަކެތި ނެގުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބިދާނެ އުނިކަމަކަށް ނުވަތަ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.