English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހު 13 ގައެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިސްލާމިކް ބޭންކަށް އޭނާ ދައްކަވަންޖެހޭ ލޯނެއްގެ ފައިސާ ދެއްކުމަށް ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބު ސަލީމް ކިޔާ މީހެކެވެ.

ސިނާންގެ މައްޗަށް ސާބިތުވެފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއްގައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމަށެވެ.

އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ އެ ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އިއްޔެގައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14ގައި ނިންމި އެ މައްސަލައިގައިވަނީ، އެމްއައިބީން ނަގައިފައިވާ ސޭލް އެންޑް ލީސްބެކް ފައިނޭންސިންގެ ދަށުން އެ ތިން މީހުން އެ ބޭންކަށް 2.52 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ފެސިލިޓީގެ ބާކީގައި ހުރި 2.44 މިލިއަން ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރައިފައިހުރި 75،789.01 ރުފިޔާއެވެ.

އެ ހުކުމުގައިވަނީ، އެ ފައިނޭންސިން ފެސިލިޓީއަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް، ފެސިލިޓީއާ ގުޅިގެން މަހުން މަހަށް އަރަމުންދާ މަންތުލީ ރެންޓަލް އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއެކު، ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދުނޫން އަދަދެއް އެމްއައިބީއަށް ދައްކަމުން ގޮސް އެ ފައިސާ ޚަލާސް ކުރުމަށް އަންގައިފައެވެ. އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ ‘ރޯދި’ ދޯނިއާއި ސަލީމްގެ ‘ޕްރެޝަސް’ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވެއެވެ.

ގާނޫނު އަސާސީގައި، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުން ހިމަނައިފައިވެއެވެ.

މިއީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލާ ފުރަތަމަ ފަހަރެވެ.