އައްޑޫގައި ސްކޭޓްކުރުމުގެ ހުނަރު ކުރިއަރުވައި، މި ކުޅިވަރު އާލާކުރުމުގެ މަގްސަދުގައި އުފެއްދި “އައްޑޫ ސްކޭޓާސް ކްލަބް” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކްލަބް އިފްތިތާހުކޮށްފައިވާއިރު، މިއީ އައްޑޫ ސިޓީގައި ރަޖިސްޓްރީ ކުރެވުނު މިފަދަ ފުރަތަމަ ކްލަބެވެ.

ކްލަބް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގައި ސްކޭޓިންގގެ ހަރަކާތްތައް އިތުރުކޮށް ދިރުވައި އާލާކުރުންކަމަށް މި ކްލަބްގެ ފަރާތުން ވަނީ ބުނެފައެވެ. އަދި ކުދިންނާއި ޒުވާނުންގެ މެދުގައި މި ކުޅިވަރަށް އޮތް ޝައުގުވެރިކަން އިތުރުކުރުމާއެކު ސްކޭޓްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނު ފޯރުކޮށްދޭނެ މާހައުލެއް ގާއިމުކުރުންކަމަށް އައްޑޫ ސްކޭޓް ކްލަބުން ވަނީ ބުނެފައެވެ.
އައްޑޫ ސްކޭޓާސް ކްލަބުން ބުނިގޮތުގައި، މި ކްލަބްގެ އަމާޒަކީ އައްޑޫގެ ގިނަ އަދަދެއްގެ ކުދިންނަކީ ސްކޭޓިންގގެ ހުނަރު ލިބިފައިވާ، ހަށިހެޔޮ ބަޔަކަށް ހެދުންކަމުގައިވާއިރު މިހާރުވެސް އެ ކްލަބުގެ ބެލުމުގެ ދަށުން ކުދިން ތަމްރީންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އަލަށް ފަށައިގަންނަން ބޭނުންވާ ކުދިންނަށްވެސް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު މި ކްލަބް އިފްތިތާހު ކުރުމާއެކު، އައްޑޫގެ ކުޅިވަރުގެ ދާއިރާއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.