English Edition
Dhivehi Edition
މަޖިލިސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން ‘އަދަދު’ ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓަރީގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކުން ރިޔާސަތުން މަނާކުރުމާ ގުޅިގެން، ބައެއް މެންބަރުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މި ނިންމެވުން ނިންމެވީ، އެ ޑޮކިއުމަންޓަރީގެ މައްސަލައަކީ ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ، އެއާ ބެހޭގޮތުން ބަހުސް ނުކުރެވޭނެ ކަމަށް ބުނެ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ނެންގެވި ނިޒާމީ ނުކުތާއަކާ ގުޅިގެންނެވެ.

މި ނިންމުމާ ގުޅިގެން އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މީކާއިލް ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި މެންބަރުން ދައްކަވާނެ ވާހަކައެއް ކޯޓަކަށް ކަނޑަނޭޅޭނެ ކަމަށާއި، މަޖިލީހުގެ އިމްތިޔާޒުތައް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި ރިޔާސަތުން މެންބަރުންގެ ދޫ ބަންދުކުރަން މަސައްކަތް ކުރާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

ނަމަވެސް، ރިޔާސަތުން ބުނީ މިއީ ކޯޓުގައި އޮތް މައްސަލައަކަށް ވުމުން، މީގެ ކުރިން ވެސް މަޖިލީހުގައި އަމަލުކުރަމުން އަންނަ “ސަބް-ޖުޑިސް” އުސޫލުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ޑޮކިއުމަންޓަރީ ދައުރުކުރުމާއި އޭގައިވާ ވާހަކަތައް ދެއްކުން މަނާކޮށް އާންމު އަމުރެއް ނެރެފައެވެ. މަޖިލީހުގެ ތަޅުމުގައި މި ވާހަކަ ދެއްކުން ހުއްޓުވުމަކީ މެންބަރުންގެ ބަހުސްކުރުމުގެ މިނިވަންކަމަށް އެޅުނު ހުރަހެއްގެ ގޮތުގައި އިދިކޮޅު މެންބަރުން ދަނީ ސިފަކުރަމުންނެވެ.