English Edition
Dhivehi Edition
މިއަދު ފެށި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ބައްދަލުވުން

މަސްވެރިކަމާ ގުޅޭ ނިންމުންތައް ނިންމުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށްޓަކައި، އެ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިކަމަށް ގޮވާލެއްވީ ރާއްޖޭގައި މިއަދު ފެށި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ބައްދަލުވުން އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މަހުގެ 11 އިން 15 އަށް ރާއްޖޭގައި ކުރިއަށްދާ މި ބައްދަލުވުމަކީ އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ނިޒާމުތަކަކީ ހުރިހާ ގައުމެއްގެ، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދެވޭނެ ފަދަ އެކަށޭނެ ނިޒާމުތަކަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އެއް ލަނޑުދަނޑިއަކަށް މަސައްކަތްކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރު އިރުތިޝާމް ވަނީ ދެމެހެއްޓެނިވި މަސްވެރިކަމުގެ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގެ ބައިވެރިންނަށް ދެއްވާފައެވެ.