English Edition
Dhivehi Edition
ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން އެކުދިން ރައްކާތެރިކޮށް، ސަލާމަތްތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ކުޑަކުދިންނަކީ ގައުމުގެ މުސްތަގްބަލު ކަމަށްވީހިނދު، އެކުދިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ މުޅި މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ނިޒާމުގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވާ ކުއްޖެއްކަން ސަރުކާރުން ކަށަވަރު ކުރަމުންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ހިތާބުގައި ވަނީ މިޒަމާނުގެ ޓެކްނޮލޮޖީއާއެކު ކުޑަކުދިންނަށް ކުރިމަތިވާ އާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަސީލަތްތައް ބޭނުންކުރުމުގައި ބައެއް ކުދިންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ފާހަގަކުރައްވައި، މިކަމުގައި ބެލެނިވެރިންނާއި މުދައްރިސުން އާ ވިސްނުންތަކެއް ގެންގުޅެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ރައީސް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުދިން ހެދިބޮޑުވާއިރު އާއިލާއާއި ސްކޫލުގެ ތެރެއިން ލޯތްބާއި ހިތްވަރު ދިނުމުގެ މުހިންމު ކަމާއި އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރި ޖީލެއް ބިނާކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ފެންވަރު ރަނގަޅު ސިއްހީ ފަރުވާއާއި ތައުލީމު ކޮންމެ ކުއްޖަކަށްމެ ކަށަވަރުކޮށްދިނުމުގެ މުހިއްމުކަމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބު ނިންމަވާލެއްވީ، ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންނަކީ ދުޅަހެޔޮ، އުފާވެރި އަދި ކާމިޔާބު ބައެއްގެ ގޮތުގައި ލެއްވުމަށް އެދި ދުއާ ކުރައްވަމުންނެވެ. ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 10 ވަނަ ދުވަހެވެ.