English Edition
Dhivehi Edition
Screenshot

މިއަދު މާލެ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން، ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް “އެމްޕެރަރ އެކްސްޕްލޯރަރ” ސަފާރީގައި ވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ މިއަދު މާލެ ސަރަހައްދުގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. މިއަދު މެންދުރު ވަނީ ގުޅީފަޅު ނެރު ކައިރީ އޮތް “އޮގްޒޮން ކެރިއަރ 2” ދޯނީގައި ވެސް އަލިފާން ރޯވެފައެވެ. އެ ހާދިސާގައި ދޯނީގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ސަފާރީގައި ރޯވި ހާދިސާގައި މީހަކަށް އަނިޔާއެއް ވިކަމެއް ނުވަތަ ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. ފަޔަރފައިޓަރުން ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.