ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ ކާޑާއި ޒާތީ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ހިއްސާނުކުރާނެ ކަމުގެ ޔަގީންކަން ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. މި ބަދަލަކީ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ކުރާ ނޭދެވޭ މުއާމަލާތްތައް ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.
ސަޢީދު ވިދާޅުވީ އެ ބޭންކުގެ ކާޑު ސިސްޓަމާއި އިމިގްރޭޝަނުގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމާ މިހާރު އިންޓަގްރޭޓްކުރެވިފައިވާ ކަމަށެވެ. ކުރިން ކާޑުން މުއާމަލާތް ކުރާއިރު ބަލަނީ ފައިސާ ހުރިތޯއާއި، ޕިން ނަންބަރު ރަނގަޅުތޯ އަދި މުއްދަތު ހަމަވޭތޯ އެކަނި ނަމަވެސް މިހާރު ގެނައި ބަދަލާއެކު، ކާޑުގެ ވެރިފަރާތް ހުރީ ރާއްޖޭން ބޭރުގައިތޯ އޮޓޮމެޓިކުން ކަށަވަރު ކުރެވޭނެއެވެ.
“މިއީ މީހަކު ބޭރަށް ދާއިރު ދިއްވެއްސަކުވިޔަސް އެނާއާއެކު ބޭރަށްދާ ބަޔަކާއި ދާ ފްލައިޓަކާ މިހެން ގޮސް މައުލޫމާތުތަކެއް ބޭންކަށް ލިބެނީކީނޫން. އަދި ބޭންކުން އެ ކަސްޓަމަރެއްގެ ކާޑުގެ މައުލޫމާތު ނުވަތަ އެހެން ޕާސަނަލް ޑޭޓާއެއް އިމިގްރޭޝަނަށް ދެނީކީވެސް ނޫން.” – މުޙައްމަދު ސަޢީދު، ބީއެމްއެލް ތަރުޖަމާނު
މިކަން ކުރަނީ އެއްފަރާތުން އަނެއްފަރާތަށް ކަސްޓަމަރުގެ މައުލޫމާތު ދީގެންނޫންކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަމުގައިވާއިރު މި ޕްރޮސެސްގެ ތެރޭގައި ކާޑުގެ ސައްހަކަމާއި ކާޑުގެ ވެލިޑިޓީއާއި އެކައުންޓް ނުވަތަ ކްރެޑިޓް ލިމިޓްގައި އެ ޓްރާންސެކްޝަނަށް ފައިސާދެއްކޭނެ ބެލެންސް ހުރިތޯ އޮޓޮމެޓޮކުން ސިސްޓަމުން އަންގައި ދޭނެކަމަށެވެ.
މިހާރު އިމިގްރޭޝަންއާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ ސަބަބުން މި އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސް ތެރެއިން ރާއްޖެއިން ބޭރުގައި ޓްރާންސެކްޝަން ހަދާއިރު އޭނަ އެހުރީ ރާއްޖެއިން ބޭރުގައިތޯ އޮޓޮމެޓިކުން ބެލާލެވޭނެއެވެ.