English Edition
Dhivehi Edition

ސްޕެނިޝް ލަލީގާގެ ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއަށްވުރެ 11 ޕޮއިންޓް ފަހަތުގައި އޮތް ރެއާލް މެޑްރިޑް، އާދީއްތަ ދުވަހުގެ ‘އެލް ކްލަސިކޯ’ މެޗަށް ތައްޔާރުވަމުން އަންނައިރު، ކްލަބުގެ ތެރޭގައި ބޮޑެތި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ‘ދަ އެތުލެޓިކް’ އިން ވަނީ ރިޕޯޓްކޮށްފައެވެ. މި ރިޕޯޓުގައިވާ ގޮތުން، ބާސެލޯނާ މެޗުގެ ކުރިން ޓީމުގެ ތެރޭގައި އެކި ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ. އޭގެ ތެރޭގައި ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އާއި އެހެން ކުޅުންތެރިއަކާ ދެމެދު ހިނގި ހޫނު ބަހުސަކާއި، ކީލިއަން އެމްބާޕޭ އާއި ކޯޗިން ސްޓާފަކާ ދެމެދު ހިނގި ކުރިމަތިލުމެއް ހިމެނެއެވެ.

ނަމަވެސް އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ އޮރެލިއަން ޗުއަމެނީ އާއި ވަލްވާޑޭއާ ދެމެދު ހިނގި ކުރިމަތިލުމެވެ. މި ހާދިސާއާ ގުޅިގެން ވަލްވާޑޭއަށް ‘ޓްރޯމެޓިކް ބްރެއިން އިންޖަރީ’ (ބޯލަށް ލިބޭ ސީރިއަސް އަނިޔާއެއް) ލިބިފައިވާކަން ރެއާލް މެޑްރިޑުން ވަނީ ކަށަވަރުކޮށްދީފައެވެ. ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑޮކްޓަރުންގެ ލަފާގެ މަތިން ވަލްވާޑޭ 10 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް އަރާމުކުރަން ޖެހޭނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ވަލްވާޑޭ އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ:

“އިއްޔެ ފަރިތަކުރުންތަކުގެ ތެރޭގައި ކުޅުންތެރިއަކާ ދެމެދު ކުޑަ ހަމަނުޖެހުމެއް ހިނގީ މެޗުތަކުގެ ބުރަކަމާއި، ނަތީޖާތަކާ މެދު އޮތް މާޔޫސްކަމުގެ ސަބަބުންނެވެ. އާންމު ހާލަތްތަކުގައި ޑްރެސިން ރޫމް ތެރޭގައި މިފަދަ ކަންކަން ހިނގާފައި އެތެރޭގައި ހައްލު ކުރެވެއެވެ. ނަމަވެސް މިކަން ބޮޑުކޮށްލައިގެން މީޑިއާއަށް ތިލަކުރަން ބަޔަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އަހަރެމެންގެ މެދުގައި ހިނގި ބަހުސެއްގެ ތެރެއިން، އަހަރެންގެ އަތުން މޭޒެއްގައި ޖެހި، ނިތްކުރިން ތަންކޮޅެއް ކެނޑުމުގެ ސަބަބުން ހޮސްޕިޓަލަށް ދާން ޖެހުނީއެވެ. އެއްވެސް ހާލެއްގައި ޗުއަމެނީ އަހަރެންގެ ގައިގައި ޖަހާފައެއް ނުވެއެވެ. އަދި އަހަރެންވެސް އޭނާގެ ގައިގައި ނުޖަހަމެވެ. އަހަރެން ދެރަވަނީ ސީޒަން ނިމެންދާއިރު ޓީމަށް އެދެވޭ ނަތީޖާއެއް ނުލިބޭތީ އާއި، މިފަދަ ކަންކަމުގެ ސަބަބުން އަހަރެންގެ އަބުރަށް ލިބޭ އުނިކަމުގެ ސަބަބުންނެވެ. ރެއާލް މެޑްރިޑަކީ އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު އެއް ބައެވެ. މި ހާދިސާގެ ސަބަބުން ކުރިއަށް އޮތް މެޗުގައި ނުކުޅެވޭތީ ވަރަށް ބޮޑަށް ދެރަވެއެވެ.”

މި ހާދިސާއާ ގުޅިގެން ރެއާލް މެޑްރިޑުން ވަނީ ވަލްވާޑޭ އާއި ޗުއަމެނީއާ މެދު އަދަބު ދިނުމުގެ އިޖުރާއާތްތައް ފަށާފައިވާކަން ފަހުން މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކްލަބުގެ ސަޕޯޓަރުން މިހާރު ތިބީ ޓީމުގެ އެތެރޭގެ މަސްލަހަތު ގެއްލެމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.