އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު އާންމުކުރި “ދަ ޕަލްސް” ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިނގިރޭސިވިލާތުން ޓެރިފް ކަނޑާލުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން އެ ނިންމުން ދިގުދެމިގެންގޮސް ދާއިމީ ނިންމުމަކަށް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އުންމީދުކުރާ ކަމެއް ކަމަށާއި، އެރޮނގުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަބަދުވެސް ބޭނުމަކީ މުޅި ސިނާއަތް ހަރުދަނާކުރުން ކަމަށެވެ. އެގޮތުން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުންމީދަކީ ކުރިމަގުގައި އެއަށްވުރެ މައްޗަށް އަގު ގެންދެވޭނެ ގޮތެއްވުމުން އެކަންވެސް ކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ކަނޑައަޅާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެންމެ ރަނގަޅު އަގެއް ދެވޭނީ މިފްކޯ އަލުން އެ މަސައްކަތުގެ ތެރެއަށް ވައްދައިގެން ކަމަށާއި، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވުމާއެކު އެކަން ހާސިލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.