މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިރޭ 20:00 އާ ހަމައަށް، ހއ. އަތޮޅުން ފެށިގެން ހުވަދު އަތޮޅަށެވެ. މެޓުން ވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށާއި އަދި ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައެވެ.
ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މެޓުން ވަނީ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށް ބުނެފައެވެ. އެހެންކަމުން ހުދު ސަމާލު ނެރެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އަދި އެހެން ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމުން، މި ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބުނެފައިވާއިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ، މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ހުޅުމާލެއަށް ހޮނު އަޅައި އިމާރާތަކަށް ގެއްލުންވެފައިވެއެވެ