އެކާވީސް ދުވަހުގެ ތެރޭގައި، މި ސަރުކާރުން، ޖުމުލަ 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ދައްކާފައިވާނީ، ޤައުމަށް ޑީފޯލްޓެއް ކުރިމަތިވިޔަ ނުދީ، ހަރުމުދަލެއް ވިއްކާނުލައި، ރަހުނެއް ދޫކޮށްނުލައި އަދި ބަދަލުގައި ކުރިން ރަހުނުކޮށްފައިހުރި ތަންތަން ސަލާމަތްކުރައްވައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުން އަދާކުރަނީ ބޭރުގެ ދަރަނި އެކަނި ނޫންކަމަށާއި، ސަރުކާރުން ވެންޑަރުންނަށް ދައްކަން ހުރި ފައިސާ ދައްކަމުން، އެތެރޭގެ ދަރަނިވެސް އަދާކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި ހިނގާ އެޕްރީލްމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، އެކި އެކި ލޯކަލް ވެންޑަރުންނަށް ދައްކަން ޖެހިފައި ހުރި 3300 މިލިޔަން ރުފިޔާގެ ބިލުތަކަށް ވާ ފައިސާ ދައްކާ ޚަލާޞްކުރެވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މި މަހުގެ ބާކީ މި އޮތް ދުވަސްކޮޅުގައިވެސް، ލޯކަލް ވެންޑަރުންނަށް ދޭންޖެހޭ އިތުރު 260 މިލިޔަން ރުފިޔާގެ ބިލަށް ވާ ފައިސާ ދެއްކުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރާއި އެތެރޭގެ ދަރަނިތަކުން ޤައުމު ސަލާމަތްކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަނީ، ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް، ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނޭކަން ކަށަވަރުކުރައްވަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.