English Edition
Dhivehi Edition

“އީކުއޭޓަރ އައްޑޫސިޓީ އިންޓަރނޭޝަނަލް މެރެތަން” މިއަދު ހަވީރު 4:00 ގައި އައްޑޫސިޓީގައި ފަށާނެއެވެ.

މިއަދު ފަށާ މި އިވެންޓުގައި މިވަގުތު ރާއްޖޭގައިތިބި އެންމެ ކާމިޔާބު ދުވުންތެރިގެ ތެރޭގައި ހިމެނޭ އެތުލީޓުންގެ ޓީމެއް ފެންނާނެއެވެ. އެ ޓީމުގައި ހިމެނެނީ ރާއްޖޭގައި އެންމެގިނަ ފުލްމެރެތަން ދުވެފައިވާ ނަސްރުﷲ އަހުމަދާއި، ދިރާގު ރޯޑުރޭސް ފަސްފަހަރު ކާމިޔާބުކޮށްފައިވާ ޝިފާޒު މުހައްމަދާއި، މުހައަމަދު ރަޝީދެވެ. އެ ޓީމުގައި ހިމެނޭ ރިޒާއަށް އަމިއްލަ ސަބަބަކާހެދި މިއަދުގެ ރޭހުގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ.

މިޓީމުގައި ހިމެނޭ ޝިފާޒަކީ ރާއްޖޭގައި މިވަގުތުހުރި އެންމެ އުންމީދީ އެތުލީޓެވެ. އޭނާގެ އަތުގައި 5 ކޭ އަދި 10 ކޭ އަދި ހާފްމެރެތަން، ފުލްމެރެތަންގެ ރެކޯޑު މިހާރުވެސް އެބައޮތެވެ. އޭގެ އިތުރަށް އޭނާއަކީ ލެވެލް އެކެއްގެ ކޯޗެކެވެ.

“ޝިފާޒުގެ މިހާރުގެ ޕާފޯމަންސަށް ބަލާއިރު ކުރިއަށްއޮތް ހައެއްކަ އަހަރު ތެރޭގައި އޭނާ ދުވާ ކެޓަގަރީން އާނާއާ ވާދަކުރެވޭނެ މީހަކުވެސް ފެނުންދުރު. އެއީ މިހާރު ރާއްޖޭގެ އެއްވަނަ. އޭނާއާއެކީގައި ބައެއް މެރެތަންތަކުގައި ދުވާ އެތުލީޓެއްގެ ހައިސިއްޔަތުން މިބުނަނީ ޝިފާޒަކީ މިވަގުތު ރާއްޖޭގެ އެއްވަނަ އަދި އެންމެ އުންމީދީ އެތުލީޓް،” ޝީފާޒާ އެކު މެރެތަންތަކުގައި ބައިވެރިވާ އެތުލީޓަކު ބުންޏެވެ.

ދެންހުރީ ނަސްރުﷲ އެވެ. އޭނާއަކީ އިންޓަރނޭޝަނަލް މެރެތަންގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ބައިވެރިވެފައިވާ އެތުލީޓެވެ. މިއީ ރާއްޖޭގައި އޭނާ ދުވާ އިންޓަރނޭޝަނަލް ދެވަނަ މުބާރާތެވެ. މީގެ ކުރިން އޭނާ ވަނީ ޖުމްލަ 22 މެރެތަންއެއްގައި ބައިވެރިވެފައެވެ. މިއަދު އޭނާ އެނުކުންނަނީ އޭނާގެ ޓީމް ގޮވައިގެން 23 ވަނަ މެރެތަން ފުރިހަމަ ކުރާށެވެ. މުހައްމަދު ރަޝީދަކީވެސް ވަކި ދޫކުރާ އެތުލީޓެއް ނޫނެވެ. އޭނާއަކީ އަރަމުން އަންނަ އުންމީދީ އެތުލީޓެކެވެ. މިޓީމުގެ މެނޭޖަރަކީވެސް ނަސްރުﷲ އަހުމަދެވެ.

އޭނާއަށާއި އޭނާގެ ޓީމުގެ ފަހަތުގައި ނިކަން ވަރުގަދަ ބޭފުޅަކު އެބަހުންނެވިއެވެ. މަޝްހޫރޫ ގާނޫނީ ވަކީލް ޝާހީން ހަމީދެވެ. ޝާހީނަކީ އެޓީމުގެ މައިބަދައެވެ. ތަފާތު އެކި ގޮތްގޮތުން ޝާހީން ގެންދަނީ އެޓީމަށް އެހީތެރިވަމުންނެވެ.

“ޝާހީން އަޅުގަނޑުމެންނަށް ވަރަށްބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވާ. އެކަމަށްޓަކައި އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އޭގެ އިތުރަށް އެމްއެންޑީއެފްގެ ޗީފް އޮފް ސްޓާފް އަހުމަދު ޝިޔާމް ދެއްވާ އެއްބާރު ލެއްވުމަށްޓަކައި އޭނާއަށްވެސް ޝުކުރު ދަންނަވަން،” ނަސްރު ބުންޏެވެ.

މިޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދުބާއިގައި ބޭއްވި ދުވުމުގައި ބައިވެރިވުމަށްފަހު ރިކަވާ ނުވެތިބި މި މެރެތަންގައި ދުވަންޖެހުމެވެ. އެހެންވެ ޝިފާޒުވެސް ދުވަނީ ހާފްމެރެތަންގައެވެ. އެ ޓީމުން މި ރޭހުގައި ބައިވެރިވީ އެހެން އެތުލީޓުންނާއި އިވެންޓް އިންތިޒާމްކުރި ފަރާތަށް ހިތްވަރު ދިނުމުގެ ބޭނުމުގައެވެ.

މިއަދުހެ ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ، ރޭސް ފަށާނީ ހިތަދޫ ސިޓީ ސްކެއާ ކައިރިންނެވެ. އެތުލީޓުން އެތަނަށް ދާންޖެހެނީ 3:30 އަށެވެ.