English Edition
Dhivehi Edition

އައްޑޫސިޓީގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ “އިކުއޭޓަރ އައްޑޫ ސިޓީ އިންޓަރނޭޝަނަލް މެރެތަން” އަށް ތައްޔާރުވެފައިވާ ކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

އިންތިޒާމް ކޮމިޓީގެ އިސްމެންބަރު މުހައްމަދު ޝަރީފް ވިދާޅުވީ ދުވުމުގައި ބައިވެރިވުމަށް ނަންނޯޓުކޮށްފައިވާ މީހުންގެ ތެރެއިން އިއްޔެ ހަވީރުގެ ނިޔަލަށް 636 މީހުންވަނީ މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަންދީފައެވެ. އޭގެ ތެރޭގައި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންވެސް ހިމެނެއެވެ. ދުވާނެ ކަމަށް ޔަގީންކަން ދީފައިވާ މީހުގެ ތެރޭގައި ރާއްޖެއިން ބޭރުގެ 48 އެތުލީޓުން ހިމެނެއެވެ.

މި މެރެތަންގައި ބައިވެރިވާން އައްޑޫސިޓީއަށް އަންނަ މީހުން މިމަހު 30 ވަނަ ދުވަހުން ފެށިގެން ވަނީ އައްޑުއަށް އަންނަން ފަށައިފައެވެ. މެރެތަންގައި ބައިވެރިވާ އެންމެވެސް މިއަދުގެ ނިޔަލަށް އައްޑުއަށް އައިސް ނިމެނޭ ކަމަށް އިންތިޒާމްކުރާ ފަރާތުން އުންމީދު ކުރެއެވެ.

މެރެތަންގައި ބައިވެރިވުމަށް އައްޑުއަށް އަންނަ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ދަތިކަމެއް ދިމާވާކަމަށްވާނަމަ އެކަމެއް ހިއްސާކޮށްދެއްވުމަށްވެސް އިންތިޒާމް ކޮމިޓީންވަނީ އެދިފައެވެ. “އެއްވެސް ކަހަލަ ދަތިކަމެއް ދިމާވެފައިވާނަމަ އަޅުގަނޑުމެންނާ ހިއްސާކޮށްދެއްވާ. އޭރުން އަޅުގަނޑުމެންގެ ޓީމުތަކުން އެހީތެރިވާނެ. އަޅުގަނޑުމެން މަސައްކަތްކުރަނީ އައްޑޫސިޓީން ބޭރުން އައްޑުއަށް އަންނަ އެންމެނަށް ހޫނުމަރުހަބާއެއް ކިޔުމަށް،” ޝަރީފް ވިދާޅުވިއެވެ.