އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ގުރޫޕް ބީގައި އިއްޔެ ހަވީރު މެދުވަލު އެފްސި އަދި މަރަދޫ އެފްސީ ބައްދަލު ކުރި މެޗު 3-0 އިން މެދުވަލު އެފްސީ މޮޅުވެއްޖެއެވެ.
ހުކުރު ދުވަހު ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މެދުވަލު އެފްސީ މޮޅުވިއިރު ބަދަލުގައި ކުލެންއަރާ ރާއްޖޭގެ މަޝްހޫރު ފޯވާޑް އަލީ އަޝްފާޤް، ދަގަނޑޭ ވަނީ އޭނާ މި މުބާރާޓުގައި ކުޅުނު ފުރަތަމަ މެޗުގައި އޭނަގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މި މޮޅާއެކު ގުރޫޕް ބީގެ އެއްވަނައިގައި މެދުވަލު އެފްސީ ވަނީ ހަމަޖެހިލައިފައެވެ.
ގުރޫޕް ބީގައި ވާދަވެރި ނަތީޖާތައް ނެރެމުން އަންނަ މި ދެ ޓީމުންވެސް ވަނި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި މެދުވަލު އެފްސީއިން ގިނަ ހަމަލާތަކެއް މަރަދޫ އެފްސީގެ ގޯލަށް ފޮނުވާފައިވެއެވެ. މެޗުގެ ގެ 6 ވަނަ މިނިޓުގައި ކެޕްޓަން، ބޮންޑާ ގެ ގޯލާއެކު މެދުވަލު އެފްސީއިން ލީޑު ނެގިއެވެ. މި ލަނޑާއެކު މެދުވަލު އެފްސީގެ އެޓޭކުތައް ވަރުގަދަވެ ގިނަ ވެގެން ދިޔަތަން ފެނުނެވެ. އެގޮތުން މެޗުގެ 10 ވަނަ މިނިޓުގައި އިތުރު ލަނޑެއް ފެނިގެން ދިޔައެވެ. މި ލަނޑު ޖަހައިދިނީ އިބްރާހީމް ސިރާޖް، ބެކޭ އެވެ. މި ލަނޑާއެކު މަރަދޫ އެފްސީއިން އެޓޭކަށް ވުރެ ބޮޑަށް ޑިފެންސަށް އިސްކަން ދޭން ފެށިއެވެ. އިތުރު ގޯލެއް ޖަހާނެ ފުރުސަތު ނުދި ހިފަހައްޓައި މެޗުގެ ފުރަތަމަ ހާފު ނިންމާލީގެ 2-0 ގެ މެދުވަލު އެފްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް މެދުވަލު އެފްސި ނިކުތީ އިތުރު ހިތްވަރަކާއެކީ، އެޓީމުގެ އުއްމީދީ ފޯވާޑް ދަގަނޑޭ އާ އެކުއެވެ. ދެވަނަ ހާފުގައި މަރަދޫ އެފްސީ އިން ވަނީ ރަނގަޅު ކުޅުމަކާއެކު ވަރުގަދަ ހަމަލާތައް ވެސް ފޮނުވާފައެވެ. ނަމަވެސް އެެއިން ހަމަލާއެއް ގޯލުތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ކައުންޓާރ އެޓޭކްގައި ފޮނުވާލި ހަމަލާތައް މެދުވަލު އެފްސީގެ ކީޕަރ ވަނީ ހަމަ ޖެހިލައިގެން ދިފާޢު ކޮށްފައެވެ. އަދި ދަގަނޑޭއަށް ޚާއްސަ އިސްކަމެއް ދީގެން އޭނާ މާކުކޮށްގެން ކުޅުނެވެ. ނަމަވެސް ދަގަނޑޭގެ ޓެކްޓިކަލް ޑްރިބްލިން ސްޓައިލާއެކު މެޗުގެ 71 ވަނަ މިނިޓުގައި ލަނޑެއް ޖަހައި 0-3 ގެ ލީޑެއް ހޯދައިދީފައެވެ. އަދި މީގެ އިތުރުން ލިބުނު ލިބުނު 2 ފުރީކިކްވެސް ދަގަނޑޭ އާއީ ބޮނޑާ ފޮނުވާލި އިރު ބޮނޑާގެ ފުރީކިކް މަރަދޫ އެފްސީގެ ކީޕަރު ދިފާއު ކުރިއެވެ. އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-3 އިން މެދުވަލު އެފްސީ މޮޅުވެގެންނެވެ.
މި މެޗުގައި ދަގަނޑޭ ކުޅުމުގެ އިތުރުން މެޗު ބަލަން ގިނަ އަދަދެއްގެ މީހުން ދަނޑަށް ވަދެފައިއެވެ. މިއީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ މީހުން މެޗެއް ބަލާލަން ދަނޑަށް ވަން ދުވަހެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެދުވަލު އެފްސިގެ ކެޕްޓަން ބޮންޑާ އެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް ކުޅޭނެއެވެ. މިއަދު ހަވީރު 16:00 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ކުލަބު ލޮތާރި އަދި ފޭދޫ ސްޕޯޓްސް އެވެ.