English Edition
Dhivehi Edition

ދުނިޔޭގެ ފޮތުގެ ދުވަސް، ނުވަތަ “ދުނިޔޭގެ ފޮތާއި ކޮޕީރައިޓް ދުވަސް” އަކީ ފޮތް ކިޔުމުގެ އާދަ އަށަގަންނުވައި، ފޮތް ޝާއިޢުކުރުމުގެ ދާއިރާ ކުރިއަރުވައި، އަދި ކޮޕީރައިޓާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޔުނެސްކޯ އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހެކެވެ.

މި ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކޮށްފައިވަނީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ. އެއަށްފަހު، ކޮންމެ އަހަރަކުވެސް މި ތާރީޚުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. ނަމަވެސް، އިނގިރޭސިވިލާތާއި އަޔަލޭންޑުގައި މި ދުވަސް ފާހަގަކުރަނީ މާރިޗު މަހުގެ ތެރޭގައެވެ.

ދުނިޔޭގެ ފޮތާއި ކޮޕީރައިޓް ދުވަހާ ގުޅިގެން، ޔުނެސްކޯއާއި ފޮތުގެ ސިނާޢަތުގައި މަސައްކަތްކުރާ އިސް ޖަމްޢިއްޔާތައް ހިމެނޭ ލަފާދޭ ކޮމިޓީއަކުން ކޮންމެ އަހަރަކުވެސް އެއް އަހަރު ދުވަހުގެ މުއްދަތަށް “ދުނިޔޭގެ ފޮތުގެ ވެރިރަށް” (World Book Capital) ހޮވައެވެ. މިގޮތުން ހޮވޭ ރަށެއްގައި ފޮތް ކިޔުމުގެ ޝައުޤުވެރިކަން އުފެއްދުމަށާއި ފޮތްތަކަށް މީހުން އަހުލުވެރިކޮށް ކުރިއެރުވުމަށްޓަކައި ތަފާތު ތަޢުލީމީ އަދި ސަގާފީ ޙަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދެއެވެ.

އެގޮތުން، 2024 ވަނަ އަހަރުގެ ފޮތުގެ ވެރިރަށަކަށް ހޮވާފައިވަނީ ފަރަންސޭސިވިލާތުގެ ސްޓްރާސްބާގް އެވެ.