ދަރަނި ބޮޑުވެ، ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާއާއެކު ހަދާފައިވާ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކުރުމަށް ރާއްޖެއިން އެދިފައިވީ ނަމަވެސް، އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ސަބަބުން އެކަން ހަމަޖެހުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެން ފަށައިފިއިކަމަށް އިންޑިއާގެ ނޫހެއްކަމުގައި ” ހިންދުސްތާންޓައިމްސް ” އިން ބުނެފިއެވެ.
ހިންދުސްތާސްޓައިމްސްއިން ބުނެފައިވަނީ އިންޑިއާގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް ރާއްޖެއިން އެދުނު އެދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވަނީ، އެ ފެސިލިޓީ ހިންގުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ސަބަބުން ކަމަށް މިކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން ބުނާކަމަށެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ކުރިމަތިވި ބޭރު ފައިސާގެ ދަތިކަމާއި ދަރަނީގެ މައްސަލަތަކުން އަރައިގަތުމަށް އިންޑިއާއިން ވަނީ ސާކް ކަރަންސީ ސްވޮޕް ފްރޭމްވޯކްގެ ދަށުން މުހިންމު އެހީތަކެއް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފޯރުކޮށްދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނެއެވެ.

ހިންދުސްތާނުޓައިމްސްގައި ބުނެފައިވާ ގޮތުގައި، ހަރުކަށި އުސޫލުތަކެއް އޮތް ނަމަވެސް 2024 ވަނަ އަހަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވަނީ ދެ ފަހަރެއްގެ މަތިން އިތުރުކޮށްދީފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތައްވެސް އިންޑިއާއިން ވަނީ އެއްވެސް އިންޓްރެސްޓަކާ ނުލައި އިތުރު އެއް އަހަރަށް ފަސްކޮށްދީފައެވެ. މިއީ ގާތް އަވަށްޓެރި ގައުމަކަށް އިންޑިއާއިން ފޯރުކޮށްދިން “ޚާއްސަ ދީލަތި އެހީތަކެއް” ކަމަށް މަސްދަރުތަކުން ސިފަކުރާކަމަށް ހިންދުސްތާން ޓައިމްސްއިން ބުނެފައިވެއެވެ.
ކަރަންސީ ސްވޮޕްގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ރާއްޖެއިން ދާދިފަހުން ވަނީ އެދިފައެވެ. ނަމަވެސް، އިންޑިއާ ސަރުކާރުން މިކަން ދިރާސާ ކުރަމުންދާއިރު، މިހާރު ހުރި ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން، މި ފެސިލިޓީ އިތުރުކޮށްދިނުމަކީ “އިންތިހާއަށް އުނދަގޫ” ކަމެއް ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމުގެ ދެމެދުގައި އޮންނަންޖެހޭ މުއްދަތާއި، ގިނަވެގެން މުއްދަތު އިތުރުކޮށްދެވޭނެ އަދަދު ހިމެނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު “އިންޑިއާ އައުޓް” ކެމްޕޭނާއެކު ވެރިކަމަށް ވަޑައިގެން، ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރެއްވުމުން ދެ ގައުމުގެ ގުޅުން ކުރިން ކޮންމެވެސް ވަރަކަށް ހީނަރުވިއެވެ. ނަމަވެސް، 2024 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަތުމާ ގުޅިގެން ދެ ގައުމުގެ ގުޅުން އަނެއްކާވެސް ވަނީ ރަނގަޅުވާން ފަށާފައިކަމަށްވެސް ހިންދުސްތާނުޓައިމްސްގައި ބުނެފައިވެއެވެ.
މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔައީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކުގައިކަމަށާ އެ ދަތުރުފުޅުގައި ބޭރު ފައިސާގެ ދަތިކަމުން އަރައިގަތުމަށްޓަކައި 6،300 ކްރޯޑް ރުޕީސްއަށްވުރެ ގިނަ އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދީފައިކަމަށްވެސް ހިންދުސްތާންޓައިމްސްގައި ބުނެފައިވެއެވެ. މީގެ ތެރޭގައި 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތަކުގެ މުއްދަތު އިތުރުކުރުމާއި، 400 މިލިއަން ޑޮލަރުގެ އިތުރުން 3،000 ކްރޯޑް ރުޕީސްގެ ކަރަންސީ ސްވޮޕް އިންތިޒާމުތައް ހިމެނޭކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިކަމަށާ ޚާއްސަކޮށް ގަލްފުގެ މުއްސަނދި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއި، ހަކަތައިގެ އަގު އުފުލުމުން އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައިކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. މި ހާލަތުގެ ސަބަބުން ރާއްޖެއަށް އިތުރު ލޯނު ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރާކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.