English Edition
Dhivehi Edition
ބީއެމްއެލްގެ އޭޓީޢެމްއެއް ފޭސް 2 ގައި ހުޅުވުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް، ކާޑުން ކުރާ ހުރިހާ މުއާމަލާތަކުން 30 ޕަސެންޓްގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތައް އެ ބޭންކުން ހަރުކަށި އިބާރާތުން ދޮގުކޮށްފި އެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިން އެންޑް މާކެޓިން ސްޓްރެޓެޖީ، މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

  • ފީ ނަގާ ސައިޓްތައް: ބޭންކުން މީގެކުރިން އިއުލާނުކޮށްފައިވާ ގޮތަށް، 30 ޕަސެންޓްގެ ފީއެއް ނަގަނީ ޖުލައި 2025 އިން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝެއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) އެކަނި ކަމަށެވެ.

  • ދޮގު ވާހަކަތައް: ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބޭންކުން ބުންޏެވެ.

  • ކްރޮސްބޯޑާ ފީ: ބޭންކުގެ ‘ޝެޑިއުލް އޮފް ޗާޖަސް’ ގައިވާ ގޮތުން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން 30 ޕަސެންޓާ ހަމައަށް ފީއެއް ނެގިދާނެ ކަމަށާއި، މިއީ ދުނިޔޭގެ އެހެން ބޭންކުތަކުން ވެސް އަމަލުކުރާ އާންމު އުސޫލެއް (ކްރޮސްބޯޑާ ފީ) ކަމަށް ސައީދު ވިދާޅުވި އެވެ.

މި ނިންމުމަކީ ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް ނުވަތަ މަތީ ރޭޓެއް ދިނުމަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބޭންކުން ކަށަވަރުކޮށްދެ އެވެ.

ބޭންކުން ބުނީ މިފަދަ ދޮގު ވާހަކަތައް ފަތުރަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުން ނަގާލައި، ބޭންކުގެ އިތުބާރު ގެއްލުވާލުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިއީ މާލީ ރައްކާތެރިކަމަށް ކުރިމަތިކުރުވާ ނުރައްކަލެއް ކަމަށް ބޭންކުން ދެކެ އެވެ. އެހެންކަމުން، މިފަދަ ދޮގު މައުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބީއެމްއެލްގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރެ އެވެ.