އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގޭ ކުއްލި ލޯނެއް ދިނުމަށް ނިންމައިފިއެވެ. މިއީ “އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް” ގެ ދަށުން ދޫކުރާ ލޯނެކެވެ.
މި ލޯނުގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށާއި، ކަރަންޓާއި ފެނުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށާއި ފެން އުފެއްދުމަށް 94 ޕަސަންޓު ބަރޯސާވަނީ އެތެރެކުރާ ތެލަށެވެ. ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ސަބަބުން ތެޔޮ ގަންނަން ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
އޭޑީބީގެ ރައީސް މަސަޓޯ ކަންޑާ ވިދާޅުވީ، ދުރުގައި ހިނގާ ހަމަނުޖެހުންތަކުގެ އަސަރު ގޭބިސީތަކަށް ކުރާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފެނާއި ކަރަންޓުގެ ހިދުމަތް ޔަގީންކޮށްދިނުމަށް އެ ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އެހީގެ އިތުރުން، ހަމަ މި ކަމަށްޓަކައި ވޯލްޑް ބޭންކުންވެސް ވަނީ ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.