English Edition
Dhivehi Edition
ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެލާއި، ގޭހާއި، މައުދަން ފަދަ ދިރުން ނެތް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމުގެ ސިނާއަތް ހިންގުމަށްޓަކައި ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ކެބިނެޓުން ނިންމައިފިއެވެ.

 

ކެބިނެޓުން މިގޮތަށް ނިންމާފައިވަނީ، އިއްޔެ ބޭއްވި ޖަލްސާއަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެންނެވެ. މިއާއެކު، ކަނޑުގެ އަޑީގައިވާ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ މިނިސްޓްރީތަކާއި މުއައްސަސާތަކުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފެށުމަށް ވަނީ ނިންމާފައެވެ.

 

މީގެ އިތުރުން، ދިރުން ނެތް ކަނޑުގެ ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމަށް ހާއްސަ ބިލެއް ފަރުމާކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ބިލުގެ ސަބަބުން މި އާ ސިނާއަތް ހަރުދަނާ އުސޫލުތަކެއްގެ މަތިން ރާވައި ހިންގުމަށް މަގުފަހިވެގެންދާނެއެވެ.

 

ރައީސް އޮފީހުން ބުނީ، ކެބިނެޓުގެ މި ނިންމުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގުތިސާދީ މުއްސަނދިކަން ދެނެގަތުމަށް ކުރަން ޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް ސަރުކާރުން މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. މިއީ މި ވަސީލަތްތަކުގެ ފުރިހަމަ ފައިދާ ގައުމަށް ހޯދައިދިނުމަށް ފެށުނު މުހިންމު މަސައްކަތެކެވެ.

 

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ވާއިރު، ތެލާއި ގޭސް ފަދަ އަގުބޮޑު ވަސީލަތްތައް ފެނިއްޖެނަމަ އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި މާލީ ފައިދާތަކެއް ލިބިގެންދާނެއެވެ. އެހެންކަމުން މިކަމަށް ބޭނުންވާ ފުރިހަމަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ގައުމުގެ އިގުތިސާދު ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.